ސަލަފް ޖަމިއްޔާއާއި އިސްލާމިކް މިނިސްޓްރީ އުވާލަން ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގައި ޖަމިއްޔާތަކުގެ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ، ރާއްޖޭގައި އިސްލާމިކް މިނިސްޓްރީގެ ބޭނުމެއް ނެތް ކަމަށާއި ދީނީ ޖަމިއްޔާ ސަލަފް ވެސް ހިންގަން ފުރުސަތު ދޭން ނުޖެހޭ ކަމަށެވެ. ޖަމިއްޔާތައް ރެގިއުލޭޓް ކުރުމަށް ގާނޫނެއް މުހިންމު ވެފައިވާ ކަމަށާއި ޖަމިއްޔާތައް އޮޕަރޭޓް ކުރާ ކުރުން ރާއްޖޭގައި މިހާރު އޮތީ ބިރުވެރި ހާލަތެއްގައި ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން އާންމުކޮށްފައިވާ ރިޕޯޓުން ހަރުކަށި ފިކުރުގެ ސެލްތަކެއްގެ ގޮތުގައި ރާއްޖޭގައި ޖަމިއްޔާތަކެއް ހިންގާކަން އެނގޭކަން ފާހަގަކުރައްވަމުން ޖާބިރު ވިދާޅުވީ އެއީ ބިރުގަންނަން ޖެހޭކަމެއް ކަމަށެވެ. އެގޮތުން ޖަބިރު ވަނީ ޝެއިހުންތަކެއް އުފައްދައި ހިންގަމުންދާ ސަލަފް ޖަމިއްޔާއަށާއި އިސްލާމިކް މިނިސްޓްރީ އާއި އަދާލަތު ޕާޓީއަށް ފާޑުވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވީ މި ރާއްޖޭގެ ރައްޔިތުންނަށް އިސްލާމް ދީން ބުނެދޭން މިނިސްޓަރެއް ބޭނުން ނުވާ ކަމަށެވެ. މިހާރުން މިހާރަށް ކެބިނެޓުން އިސްލާމިކް މިނިސްޓަރު ބޭރު ކުރަން ޖެހޭ ކަމަށެވެ. އަދި ވަގުތުން ވަގުތަށް ސަލަފް ޖަމިއްޔާއާއި އިސްލާމިކް މިނިސްޓްރީ އުވާލަންވީ ކަމަށާއި އަދާލަތު ޕާޓީއަށް އިސްލާމިކް މިނިސްޓްރީގެ ނަމުގައި މިނިސްޓްރީއެއް ދީގެން ނުވާނެ ކަމަށެވެ. ހަމައެއާއެކު ސަލަފް ފަދަ ޖަމިއްޔާތައް ހިންގައިގެން ނުވާނެ ކަމަށާއި ޖަމިއްޔާތަކޭ ކިޔައިގެން އަލްގައިދީންނާއި ސަލަފީންނޭ ކިޔައިގެން ނުރައްކާތެރި ކަންކަން ހިންގާ ކަމުގެ ރިޕޯޓް އެބަހުރި ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ސިޔާސީ ވާހަކަ ދައްކާނީ ސިޔާސީ މީހުން ކަމަށާއި ދީނީ ވާހަކަ ދައްކާނީ ދީނީ މީހުން ކަމަށެވެ. ސިޔާސީ ކޮށްގެން ދީނީ ވާހަކަތައް ދައްކައި އޭގެން ނާޖައިޒު ފައިދާ ނަގައިގެން މީހުން މަރައި ބިރުވެރިކަން އުފައްދައި ރާއްޖޭގައި ސަގާފަތް ބަދަލު ކުރުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެ ޖަބިރު ވަނީ އެކަން ވަގުތުން ވަގުތަށް ހުއްޓުވަން ޖެހޭ ކަމެއް ކަމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ޖާބިރު ވަނީ ހަރުކަށި ދީނީ ޖަމިއްޔާތައް އުވާލައި އެމީހުން ހައްޔަރު ކުރުމަށް ގޮވާލައްވާފައެވެ. އަދި އިސްލާމް ދީނުގެ ކަންކަން ރާއްޖެއަށްވުރެ ރަނގަޅަށް އޮތް ގައުމެއް ނޯންނާނެ ކަމަށާއި އެހެންވީމަ ޖަމިއްޔާތައް ހަދައިގެން މިތަނުގައި ޓެރަރިޒަމް ހިންގުމަށް އެއްވެސް ފުރުސަތެއް އޮވެގެން ނުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ އިތުރުން އެހެން ބައެއް މެންބަރުން ވެސް ވަނީ ދީނީ ހަރުކަށި ފިކުރުތައް ފަތުރާ ޖަމިއްޔާތައް ރާއްޖޭގައި އޮޕަރޭޓް ކުރާތީ ކަންބޮޑުވުން ފާޅު ކުރައްވައި އެ ޖަމިއްޔާތައް އުވާލުމަށް ވެސް އެ މެންބަރުން ވަނީ ގޮވާލައްވާފައެވެ.

2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ އަނިޔާވެރިކަމާއެކު އަވަހާރަކޮށްލި ޑރ. އަފްރާޝީމްގެ މައްސަލަ، މަރުގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން ބެލުމަށްފަހު އެކުލަވާލާފައިވާ ރިޕޯޓް މިހާރު ވަނީ އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ބުނާ ގޮތުން ހަރުކަށި ޖިހާދީ ފިކުރުގެ ޖަމާއަތްތަކުގެ އަދަދާއި، އިންތިޒާމްވެފައިވާ ގޮތް ހަރަކާތްތެރިކަން ހުރި މިންވަރު ދެނެގަތުންމާއި، ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި ފައިސާ ބަދަލުކޮށްފައިވާ މިންވަރާއި ފައިސާ ބަދަލުވެފައިވާ ގޮތް ދެނެގަތުން އަދި ހަރުކަށި ޖިހާދީ ފިކުރުގެ ޖަމާއަތްތައް ލިސްޓްކޮށް އެ ޖަމާއަތްތަކާ ދެކޮޅަށް ގާނޫނުގައިވާ ފިޔަވަޅު އެޅުން ހިމެނެއެވެ.