މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މަގާމަށް މަހުޒޫމް ސަލީމް، ޝަބްނަމްގެ ކ.ކާށިދޫ، އައްޔަން ކުރަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވާފައި ވަނީ މަހްޒޫމް އާއި މއ. ވިލާރޮދިގގެ އިސްމާއިލް ސާޖިދު ގެ ނަމެވެ.

މި ދެ ބޭފުޅުންގެ ތެރެއިން މީރާގެ ބޯޑަށް އައްޔަން ކުރުމަށް ރައީސް އިސްކަން ދެއްވާފައި ވަނީ މަހްޒޫމަށެވެ. ކޮމިޓީން ނަންތައް ދިރާސާކުރުމަށް ފަހު މާލިއްޔަތު ކޮމިޓީ މަޖިލީހަށް ފޮނުވީ ރައީސް އިސްކަން ދެއްވާފައިވާ ތަރުތީބަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށެވެ.

މިއަދު މަޖިލީހުގައި ނެގި ވޯޓުގައި މީރާގެ ޑިރެކްޓަރުންގެ ބޯޑަށް، ގާނޫނީ ވަކީލު މަހްޒޫމް އައްޔަން ކުރަން ފާސްކޮށްފައި ވަނީ ހާޒިރުވެ ތިބި ހުރިހާ މެންބަރުންގެ އަގްލަބިއްޔަތުންނެވެ. އެހެންކަމުން އިސްމާއިލް ސާޖިދުގެ ނަމަށް ވޯޓަށް އަހާފައެއް ނުވެއެވެ. ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން މީރާގެ ބޯޑަށް ބަދަލު ގެނައުމަށް ދާދި ފަހުން ވަނީ ފާސްކޮށްފައެވެ.

މީރާގެ ބޯޑު އެކުލެވިގެން ވަނީ ހަތް މެންބަރެއްގެ މައްޗަށް ކަމަށް އިސްލާހުގައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގެ ޓެކުހާބެހޭ ސިޔާސަތުތަކާގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅާ ފަރާތަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަސް މެންބަރަކާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނެވެ.