އެފްރިކާގައި ޗުއްޓީ ހޭދަކުރަން ގޮސް ފަތަން އުޅުމުގެ ތެރޭގައި އޭނާގެ ކުރިމަތީ ފަރާތުން ހަށިގަނޑުގެ ތެރެއަށް ޕެރަސައިޓެއް ވަދެ ބިސްއަޅަން ފެށުމާއެކު، އިނގިރޭސިވިލާތުގެ ފިރިހެނެއްގެ ފުރާނައަށް ނުރައްކާވި ޚަބަރެއް ފެންމަތިވެއްޖެއެވެ.
އުމުރުން 32 އަހަރުގެ ޖޭމްސް މައިކަލްއާއި އޭނާގެ ރައްޓެހިން އެފްރިކާއަށް ޗުއްޓީ ހޭދަކުރަން ގޮސް މަލާވީ ކޯރުގައި ގަވައިދުން ފަތާ ހެދިއެވެ. ކޯރުގައި ފެތުމުގެ ތެރޭގައި ޖޭމްސްގެ ހަށިގަނޑުގެ ތެރެއަށް ޖަރާސީމު އެކުލެވޭ ފަނި ވަދެ ބިސްއަޅަން ފެށިކަން އެނގުނީ އޭނާ އެނބުރި އިނގިރޭސިވިލާތަށް އައިވެސް ފަހުންނެވެ.
ޖޭމްސްއާއި އޭނާގެ ރަހުމަތްތެރިން އެފްރިކާއަށް ދިޔައީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އޭނާގެ ހަށިގަނޑަށް މައްސަލަތަކެއް ކުރިމަތިވާން ފެށީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެކަން ފާހަގަވާން ފެށީ ދެފައިގެ ބާރު ދޫވާ ހެން ހީވެގެންނެވެ. ނަމަވެސް އޭރު އޭނާ އެކަން ނިންމީ، އެއީ މާގިނައިން ބައިސްކަލު ދުއްވާތީ ވީ ގޮތެއް ކަމަށެވެ. ހޮސްޕިޓަލަކާ ހިސާބަށް ދާން ޖޭމްސް ނިންމީ، އޭނާގެ އެޕާޓްމަންޓަށް އަރަން އޮންނަ ސިޑިބަރިން އަރަންވެސް ބުރައަކަށް ވާން ފެށި ހިސާބުންނެވެ.
ހޮސްޕިޓަލަށް ދިއުމުން އެންޓިބައޮޓިކްސް ދިނުމަށްފަހު ޖޭމްސް ގެއަށް ފޮނުވާލިއެވެ. ނަމަވެސް މާ ބޮޑަށް ހާލު ދެރަވާން ފެށުމުން އޭނާ އަނެއްކާވެސް ހޮސްޕިޓަލަށް ދިޔައީ އޭގެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.
ހޮސްޕިޓަލުގެ ނިއުރޮލޮޖީ ޑިޕާޓްމަންޓްގެ ހޯދުންތައް ދެއްކި ގޮތުގައި ޖޭމްސްގެ ހަށިގަނޑުގެ ދިފާއީ ނިޒާމު ދިޔައީ އޭނާގެ ސްޕައިންއަށް ހަމަލާ ދެމުންނެވެ. ދެފައިގެ ކޮންޓްރޯލް ގެއްލެމުންދިޔައީ އެހެންވެއެވެ. އެއާއިއެކު 6 މަސްދުވަހަށް ސްޓެރޮއިޑް ދިނެވެ. ނަމަވެސް އެ ހާލަތަށް އޭނާ ދާންޖެހުނީ ކީއްވެކަމެއް އޭރުވެސް ނުހޯދެއެވެ.
ވެގެން އުޅޭ ގޮތެއް ސާފުވީ ހޮސްޕިޓަލް ފޯ ޓްރޮޕިކަލް ޑިޒީސަސްގެ ޑޮކްޓަރުގެ އިރުޝާދު ހޯދަން ފެށި ހިސާބުންނެވެ. އޭނާގެ ހަށިގަނޑަށް އެތެރެވެ ބިސްއަޅަމުންދިޔަ ޕެރަސައިޓް ފަންޏަކީ އެފްރިކާގެ ސާފު ފެންކޯރިތަކުގައި އުޅޭ ފަންޏެކެވެ. ހަށިގަނޑަށް މި ފަނި އެތެރުވުމަށްފަހު މުހިންމު ގުނަވަންތަކަށް ލޭގެ ތެރެއިން ދަތުރުކުރެއެވެ. އަދި ބިސްއަޅަން ފަށައެވެ.
މިއަހަރުގެ އޭޕްރިލް މަހާ ހިސާބަށް އައިއިރު 3 މަހެއްހާ ދުވަސް އޭނާ ހޭދަކުރީ ފުރޮޅުލީ ގޮނޑިއެއްގައެވެ. އަނެއް 4 މަސް ހޭދަކުރީ ދަނޑިގަނޑު ޖަހައިގެންނެވެ.
މި ފަނީގެ ބިސްތައް ނައްތާ ހަށިގަނޑު ސާފުކުރުމުގެ ފަރުވާ ހޯދަމުންދާ ޖޭމްސް މުޅިން ހަމައަކަށް އެޅުމަށް އަދި 10 ވަރަކަށް މަސް ހޭދަވާނެ ކަމަށް ބެލެވެއެވެ.