އީރާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ކުރަމުންދާ މުޒާހަރާތައް 100އަށްވުރެ ގިނަ ސިޓީއަށް ފެތުރުމާއެކު އެގައުމުގެ ރޫހީ ލީޑަރު އާޔަތުއްލީ އަލީ ހާމަނާއީ ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

ޕެޓްރޯލްގެ އަގު 50 ޕަސެންޓް ބޮޑުކުރުމަށް އީރާނުގެ ސަރުކާރުން ނިންމި ނިންމުމަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން ހާމާނައީ ވަނީ މުޒާހަރާގެ ބައިވެރިންނަށް ބަހުގެ ވަރުގަދަ ހަމަލާއެއް ދެއްވާފައެވެ.

އާންމުންގެ މުދަލާ ތަކެއްޗަށް ގެއްލުންދެމުންދާ މީހުންނަކީ ޤަތޯ ޠަރީގާ ނުވަތަ 'ތަގުން' ނުވަތަ ގޭންގްސްޓާރުން ކަމަށް ވިދާޅުވެ، ހާމަނާއީ ވަނީ އެފަދަ ފަރާތްތައް ހުއްޓުވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

އީރާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ އެކި ހިސާބުތަކުގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން/ފޮޓޯ: އީޕީއޭ

އީރާނުގައި ކުރަމުންދާ މުޒާހަރާތައް މުޅި ގައުމަށް ހެން ފުޅާވެފައިވާއިރު އެކަން ކޮންޓްރޯލް ކުރުމުގެ ނަމުގައި އީރާނުގެ ސަރުކާރުންވަނީ، 80 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް އީރާނުން އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލާފައެވެ. މިއާއެކު މުޒާހަރާތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމުގައި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. މުޒާހަރާގެ މަންޒަރުތައް އާންމު ކުރަމުންދަނީ އިރާގުގެ ދައުލަތުގެ މީޑިއާގެ އެކި އިދާރާތަކުންނެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން އާންމުކުރަމުންދާ މަންޒަރުތަކަށް ބަލާއިރު ޕެޓްރޯލް ސްޓޭޝަންތަކާ، ބޭންކުތައް ވަނީ އަނދާލާފައެވެ. އަދި މަގުމަތީގައި ހުރި ވެހިކަލްތަކުގައިވެސް ވަނީ ރޯކޮށްލާފައެވެ.

އީރާނުގެ ޕެޓްރޯލްގެ އަގު ބޮޑުކުރުމާއެކު އެއްގަމު އުޅަނދު ދުއްވާ ގިނަ މީހުންވަނީ މަގުތަކަށް އުޅަނދުތައް ދޫކޮށްލުމަށްފަހު ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި ބައިވެރިވާން ފަށާފައެވެ. ބައެއް މުޒާހަރާތައް ހޫނުވެ، ކުރިމަތިލުންތައް ހިންގާފައިވާއިރު ބަޑީގެ ހަމަލާ ދީފައިވާކަމަށްވެސް ޚަބަރުތައް ލިބެމުންދެއެވެ.

އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ/ފޮޓޯ: ޓައިމް މެގަޒިން

އީރާނުގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގައި ބަޔަކު މަރުވި ކަމެއް، ނުވަތަ ހައްޔަރުކޮށްފައިވާކަމުގެ އެއްވެސް ތަފްސީލެއް އަދި ނުލިބެއެވެ.

އީރާނަށް މިހާރު ކުރިމަތިލާންޖެހިފައިވާ ތަކުލީފުތަކަކީ އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ ސަބަބުން އެމެރިކާއިން ކުރިމަތިކުރަމުންދާ ފިއްތުންތަކުގެ ސަބަބުން އެގައުމަށް އުފަލަންޖެހިފައިވާ ބުރައެކެވެ.