ނުރައްކާތެރި ކެމިކަލްގެ ބާވަތްތައް ރައްކާކުރަން ތިލަފުށީގައި ތަރައްގީކޮށްފައިވާ ގުދަންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްލަވާލައްވައިފިއެވެ.

ރައީސް މިގުދަންތައް ބައްލަވާލައްވާފައި ވަނީ މިއަދު މެންދުރުފަހު ތިލަފުށްޓަށް ކުރެއްވި ޒިޔާރާތެއްގައެވެ. ތިލަފުށްޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީ.އެމް.އައި.ޒެޑް.އެލް.) ގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ރަޝީދު އަބޫބަކުރާއި އެ ކުންފުނީގެ އިސް މުވައްޒަފުންނެވެ. ތިލަފުށްޓަށް ވަޑައިގެން ރައީސް ވަނީ، އަލަށް ތަރައްގީ ކޮށްފައިވާ ގުދަންތައް ބައްލަވާލައްވައި، އެތަނުގައި ގާއިމް ކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭގޮތުން މައުލޫމާތު ސާފުކުރައްވާފައެވެ.

ނުރައްކާތެރި ކެމިކަލްގެ ބާވަތްތައް ރައްކާކުރުމަށް ހާއްސަ ގުދަންތަކެއް ތިލަފުށީގައި ތަރައްގީ ކޮށްފައި ވަނީ، މިދިޔަ ސެޕްޓެމްބަރުމަހު ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން، މާލޭގައި ހުރި ނުރައްކާތެރި ކެމިކަލްގެ ބާވަތްތައް ރައްކާތެރިކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލުކުރަން ރައީސް ނިންމެވުމާ ގުޅިގެންނެވެ. ރައީސް މިގޮތަށް ނިންމަވާފައި ވަނީ ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު މާލޭގައި ގުދަންކުރާ ގޮތުގެ ސަބަބުން މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ފަރާތުން ތިލަފުށީގައި ތަރައްގީ ކޮށްފައިވާ ވެއާހައުސްގައި 34 ގުދަން ހިމެނެއެވެ. ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، އަދި ހާއްސަކޮށް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ މި ގުދަންތަކުގެ ތެރޭގައި 300 އާއި 800 އަކަފޫޓާއި ދެމެދުގެ ޔުނިޓުތައް ހިމެނެއެވެ.