ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް ކުރުން 28 ވަނަ ދުވަހުގެ 1:30 އަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ރިޔާސަތުން ވަނީ މި މައްސަލައިގެ އަޑުއެހުން ކުރިން އޮތް ހިސާބުން ފެށިގެން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އަދި ރައީސް ޔާމީންގެ ވަކީލުން ވަނީ ގާޒީ އަލީ ރަޝީދު މި މައްސަލަ ބަލާ ބެންޗުގައި ހުރުމަށް އިތުބާރު ނުކުރާ ކަމަށް ބުނެ ގާޒީ އަލީ ރަޝީދު ބެންޗުން ތަނާޒިލުވުމަށް އެދިފައެވެ. ނަމަވެސް ބެންޗުން މަޝްވަރާ ކުރުމަށްފަހު 5 ގާޒީން ވަނީ ގާޒީ އަލީ ރަޝީދު މައްސަލައިން ތަނާޒިލު ނުވުމަށް ނިންމާފައެވެ.

ރައީސް ޔާމީނުގެ މައްޗަށް އުފުލި ދައުވާގެ ހުކުމް ކުރުން މި މަހު 5 ވަނަ ދުވަހަށް ތާވަލު ކޮށްފައި ވަނިކޮށް ހުކުމް ކުރުން ފަސްވީ، ރައީސް ޔާމީންހެ މައްސަލަ އޭރު ބައްލަވަމުން ގެންދެވި އެ ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ. މިހާރު ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވީ ގާޒީ އަލީ ރަޝީދެވެ. ޖޭއެސްސީން، ގާޒީ ހައިލަމް ސަސްޕެންޑް ކުރީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދި ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމެއް މެދުވެރިކޮށް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލާގައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އެންމެ ބޮޑަށް ވަދެފައިވާ އެސްއޯއެފް ނަމަކަށް ކިޔާ ކުންފުނީގެ އެކައުންޓުން ރައީސް ޔާމީން، އިސްލާމިކް ބޭންކުގައި ހުޅުއްވާފައިވާ އެކައުންޓަކަށް 1 މިލިއަން ޑޮލަރު އެސްއޯއެފުން ޖަމާކުރި މައްސަލާގައެވެ. އަދި އެ ފައިސާ ރައީސް ޔާމީން ވަނީ އެ ބޭންކުގައި އޮންނަ އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާ ކުރައްވާފައެވެ.