ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވުމުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދު ތަނާޒުލްވެ ވަޑައިގެންނަވަން ޖެހިވަޑައިގަންނަވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

މާގިރި ހޮޓެލްގައި ޔާމީންގެ ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖަމީލު ވިދާޅުވީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދު ޔާމީންގެ މައްސަލަ ބެއްލަވާ ބެންޗުގައި އިންނެވުމުގެ ފުރުސަތެއް ނެތް ކަމަށާ ޔާމީންގެ މައްސަލަ އިން އަލީ ރަޝީދު ތަނާޒުލްވެ ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

ޖަމީލު ވިދާޅުވީ، ސުލޫކީ މިންގަނޑު ބުނާ ގޮތުން ގާޒީ އަލީ ރަޝީދަށް ބެންޗުގައި އިންނަވަން ހުއްދަ ނުކުރާ ކަމަށެވެ. އަދި ޖޭއެސްސީ އަށް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ހުށަހަޅާފައި އޮއްވައި، އެ މައްސަލައިގެ ވަކި ގޮތެއް ނުނިމެނީސް، ބޮޑު މައްސަލައެއް ކުރިއަށް ގެންދެވިގެން ނުވާނެ ކަމަށެވެ. އެގޮތުން މާދަމާގެ އަޑުއެހުމުން ފެށިގެން ކޮންމެ އަޑުއެހުމެއް ވެސް ކުރިއަށް ގެންދަން ޖެހޭނީ ލައިވްކޮށް ކަމަށާއި އެކަން ހުއްޓާލައިގެން ނުވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި އަދުލު އިންސާފައްޓަކައި މި މައްސަލަ، އެއް ހަމައެއްގައި ގެންގޮސް މައްސަލަ ނިންމަން ޖެހޭ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ގާޒީ އަލީ ރަޝީދު ރާއްޖެ ޓީވީ އަށް ދެއްވި ބަޔާނުން ހިތްހަމަޖެހިވަޑައިނުގެން ހުންނެވި ތަން ފެނިވަޑައިގެންނެވި ކަން ފާހަގަ ކުރައްވަމުން ޖަމީލު ވިދާޅުވީ، ގާޒީ އަލީ ރަޝީދު ބެންޗުގައި އިންނަވާ ކަމަށް ވަނީ ނަމަ ޔާމީންގެ މައްސަލައިގެ ތެރެއަށް ވަރަށް ބޮޑަށް އަސަރު ފޯރާނެ ކަމަށެވެ.

ރައީސް ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝާރީއަތް ކުރިން ބައްލަވަމުން ގެންދެވީ ގާޒީ އަހުމަދު ހައިލަމެވެ. ނަމަވެސް ނަސްރުގެ ދުވަހާ ގުޅިގެން ތަހުނިޔާ ކިޔުއްވުމަށް ވައިބާ ގްރޫޕަކަށް ހައިލަމް ފޮނުއްވި ފޮޓޯއެއްގެ މައްސަލައާ ގުޅިގެން އޭނާ ވަނީ ސަސްޕެންޑް ކޮށްފައެވެ. އެއަށް ފަހު ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގަން ހަވާލު ކުރީ ގާޒީ އަލީ ރަޝީދެވެ. ގާޒީ އަލީ ރަޝީދު ވަނީ ޔާމީންގެ މައްސަލަ ބެލުން ބެންޗަކުން ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ. އަދި ފަހުން ވަނީ ޔާމީންގެ ޝަރީއަތް ލައިވް ނުކުރުމަށް ވެސް ނިންމަވާފައެވެ.

މިއަދު އިދިކޮޅުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ފަރާތުންވެސް ވަނީ ގާޒީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައިވާ ކަމަށް ބުނެ، އެ މައްސަލަ ނުބަލާ ޔާމީންގެ ޝަރީއަތުގެ ބެންޗުގައި އަލީ ރަޝީދު ނުހިމެނުމަށް ގޮވާލާފައެވެ.