މިހާރު ރާއްޖޭގައި ހިނގަމުން އަންނަނީ ރާއްޖޭގައި މިހާތަނަށް ދެކެފައިނުވާ ވަރުގެ "ޖައްބާރު" ވެރިކަމެއް ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲﷲ ޔާމީން ވިދާޅުވެއްޖެއެވެ.

"ފުނޑާލައިފި" ނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޕްރޮގްރެސިވް ކޯލިޝަންގެ އެއްވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދައުލަތުގެ ދެ ބާރު އެކެއްގެ އަތަށް ދިނުމަށް ފަހު ދެން އޮތް މިނިވަން ބާރު ކަމަށްވާ ޖުޑިޝަރީ ފުނޑާލުމުން ދެން އުފެދިގެން އަންނަނީ ރަސްކަމެއް ކަމަށާއި އެއީ ރިޔާސީ ނިޒާމުގެ ވެރިއެއް ނޫން ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި އުފެދިގެން އަންނަނީ އެންމެ ވަރުގަދަ ނުލަފާ ހުދުމުހުތާރު ވެރިކަމެއް ކަމަށާއި މިހާރު ރާއްޖޭގައި އޮތީ އެއަށް ވުރެ ނުބައި ނުލަފާ ހުދުމުހުތާރު ވެރިކަމެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

"މިހާރު މިއޮތީ އެއަށް ވުރެ ޖައްބާރު، އެއަށް ވުރެ ނުރައްކާތެރި، އެއަށް ވުރެ ނުބައި ހުދުމުހުތާރު ވެރިކަމެއް ދިވެހިރާއްޖެ ނުދެކޭ މިއިން ދުވަހަކު ވެސް"
ރައީސް ޔާމީން

މިހާރުގެ ސަރުކާރަށް ފާޑު ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން އަތް ނުބާނާ އެއްވެސް ކަމެއް، "ފުނޑާނުލައި" އެއްވެސް ކަމެއް ނެތް ކަމަށެވެ. މި ސަރުކާރުން ބޭނުންވާ ކަމެއް ބޭނުން ގޮތަކަށް، ބަޔަކު މީހުން ލައްވާ ކުރުވުމަށް ފަހު، ހަމަ އެ މީހުން މަގާމުތަކުން ބޭރު ކުރުމުގެ މަސައްކަތްތައް މި ސަރުކާރުން ފަށާފައިވާ ކަމަށާ، އެގޮތުން މިހާރު ސަރުކާރުން ސުޕްރީމް ކޯޓު "ފުނޑާލައިފައިވާ" ކަމަށް ވިދާޅުވިއެވެ. އަދި ކުރަން ބޭނުން ހުރިހާ ކަމެއް ކޯޓުތަކުގެ ތެރެއިން ކުރުވުމަށް ފަހު މިއަދު ކޯޓުތައް ނައްތާލުމަށް ކުރާ މަސައްކަތް ބަލައި ނުގަންނަ ކަމަށްވެސް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ޖުޑިޝަރީ ފުނޑާލުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާ ޔާމީން ވިދާޅުވީ ޖުޑިޝަރީ ހަގީގަތުގައި ފުނޑާލީ މިދިޔަ އަހަރުގެ ފެބްރުއަރީ އެކެއްގައި ކަމަށެވެ. އަދި މިހާރު ބައްދަލު ކުރަމުން މި އަންނަނީ އެ ކަންކަމުގެ ނަތީޖާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގައި ރަނގަޅަށް ހިނގާ މުއައްސަސާއެއް ނެތް ކަމަށާއި އެ މުއައްސަސާތައް ޖަވާބުދާރީ ކުރެވޭނެ ގޮތެއް ވެސް ނެތި، ހިނގާނެ ހުރިހާ މަގެއް ބަންދުވެފައި ވާކަމަށް ވިދާޅުވިއެވެ. އަދި ޔާމީން ވަނީ، ސަލާމަތީ ބާރަށް އަމާޒު ކުރައްވާ ވާހަކަފުޅެއް ވިދާޅުވެފައެވެ. ޔާމީން ވިދާޅުވީ، މި ހާލަތުގައި ސަލާމަތާ ބެހޭ އެންމެ އިސް ބާރުން ކޮށްގެން ތިބި ހުވައާ މެދު ވިސްނާލަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަކަށް އެދޭ ހަމަލާއެއް. ސުޕްރީމް ކޯޓަށް އެދޭ ހަަމަލާއެއް، އާދަމް މުހައްމަދު ތަންތަނަށް ދަމަން ޖެހޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އެބޭފުޅުން ނިންމަވާ ހުކުމްތަކެއް ނިންމެވީމަ އެއީ ސުލޫކީ މައްސަލައެއް ކަމަށް ބުނާނެ ޖާގައެއް ނޯންނާނެ. އެކަމަކު ކީއްތޯ ކުރާނީ. މި ބަރަކާތްތެރި ވެރިކަން މިއޮތީ ހުދު މުހުތާރު ވެރިކަމަކަށް ބަދަލުވެފައެއް ނޫންތޯ،"
ރައީސް ޔާމީން

މި އެއްވުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ޕާޓީއާ އަދި ކޯލިޝަން ޕާޓްނަރު ޕީއެންސީން ވަކިވެގެންދިޔަ އެންމެހާ ފަރާތްތައް އަލުން އަނބުރާ އެ ކޯލިޝަނާ ގުޅިވަޑައިގަތުމަށް އިލްތިމާސް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މިއަދަކީ އެބޭފުޅުންގެ ހިދުމަތް ރައްޔިތުންނަށް ބޭނުންވާ ދުވަސް ކަމަށެވެ. ނަމަވެސް މިއަދު އެ މަސައްކަތުގައި އެކަހެރިވެ އުޅުމަށްފަހު، ޕްރިގްރޮސިވް ކޯލިޝަނުން ކުރާ މަސައްކަތް ކާމިޔާބުވާހެން ހީވެގެން އެ ކޯލިޝަނަށް އައުމަށް މަސައްކަތް ނުކުރުމަށްވެސް ރައީސް ޔާމީން ގޮވާލެއްވިއެވެ.

"މިހާރު މިއީ ވަގުތަކީ، މިވަގުތު ދިވެހި ރައްޔިތުންނާއި އެކުގައި ތިބެން ނުކުރޭ ކަމަށްވަންޏާ ކިތަންމެ ޖާނުން ބޮޑަސް ދެން އެޖާގައެއް ނުދެވޭނެ. މާމަލުން ފޮނި ބޯން އަންނަ ބަޔަކަށް މި ޕީޕީއެމްއަކުން ޖާގައެއް ނުލިބޭނެ،"
ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ މިއަދު ޕްރޮގްރެސިވް ކޯލިޝަނާ އެކުގައި މަސައްކަތް ކުރާ މީހުންނަކީ ދިވެހިންގެ ހައްގުގައި ތިބި މީހުން ކަމަށެވެ. ފަހުން ޣަނީމާ މުދާ ބަހާއިރު އަންނަ ބަޔަކަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ މެންބަރުން ނޫނެކޭ ބުނަން ޖެހޭ ކަމަށާއި ދިވެހި ރައްޔިތުންނަށް ހެޔޮ އެދޭ ސިޔާސީ ލީޑަރުންނާއި ސިޔާސީ މީހުނެއް މިއަދު ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން ކުރާ ހުރިހާ ގޯސް ކަމެއްގައިވެސް އެއްވެސް އެއްޗެއް ބުނެލަން ނުކެރޭ ހާލަތުގައި ފިލާ ހަނު ހުންނަ މީހުންނަށް ނޫނެކޭ ބުނަން ތަކުރާރުކޮށް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވާހަކަފުޅުގައި ގޮވާލައްވާފައެވެ.