ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް އައިސިސް ޖަމާއަތާ ގުޅުމަށް މެދުއިރުމައްޗަށް ދަތުރުކުރި ހަނގުރާމަވެރިންނާ އެމީހުންގެ އާއިލާތައް ސޫރިޔާއިން ބާލާ، އަމިއްލަ ގައުމުތަކަށް ފޮނުވާލުމުގެ މައްސަލާގައި، އައިސިސްއާއި ދެކޮޅަށް ހަރަކާތްތެރިވުމަށް އެކުލަވާލާފައިވާ ބައިނަލްއަގުވާމީ ކޯލިޝަންގައި ހިޔާލު ތަފާތުވުންތަކަކާ ދެބަސްވުންތަކެއް އުފެދިފައިވާކަމަށް އެމެރިކާއިން ސޫރިޔާއަށް ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު ޖިމް ޖެފްރީ ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޖެފްރީ ވިދާޅުވީ، ހިޔާލު ތަފާތުވުން އުފެދިފައިވަނީ އައިސިސްއާއި ގުޅުނު ހަނގުރާމަވެރިންނާ އެމީހުންގެ އާއިލާތައް މެދުއިރުމަތީ ބާލާ، އެމީހުންގެ އުފަން ގައުމުތަކަށް ފޮނުވާލުން ނުވަތަ ރީޕެޓްރިއޭޓް ކުރާނީ ތޯ ނުވަތަ، މިމައްސަލައަކީ އެކަމާ ބެހޭ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ބެލުމަށް ގައުމުތަކަށް ފުރުސަތު ދޭންވީ މައްސަލައެއް ތޯ ބެލުމަށް ފުރުސަތު ދިނުމާ މެދުގައި ކަމަށެވެ.
ކޮންމެ ގޮތަކަށް ނިމިގެން ދިޔަ ކަމުގައި ވީ ނަމަވެސް، މިއީ މުހިންމު މައްސަލައެއްކަން ޖެފްރީ ވަނީ ފާހަގަކުރައްވާފައެވެ.
ޖެފްރީ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިވާއިރު، އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވަނީ މެދުއިރުމަތީގައި ހަނގުރާމަ ކުރަމުންދިޔަ އައިސިސްއާއި ގުޅުނު ހަނގުރާމަވެރިންނާ އެމީހުންގެ އާއިލާގެ މެމްބަރުން އެމީހުންގެ ގައުމުތަކަށް ގެން ގޮސްދިނުމަށާ، އިރާގާ ސޫރިޔާއިން ސުންނާފަތިވެފައިވާ ސަރަހައްދުތަކުގައި އުމްރާނީ ބިނާވެށީގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްދިނުމަށް، އައިސިސްއާއި ދެކޮޅަށް އެކުލަވާލި ބައިނަލްއަގުވާމީ ކޯލިޝަންގެ މެމްބަރުންނަށް ގޮވާލައްވާފައެވެ.
ޕޮމްޕޭއޯ ވިދާޅުވީ، އައިސިސްއާއި ގުޅުނު ހަނގުރާމަވެރިންނާ އެމީހުންގެ އާއިލާތަކަކީ ޖަވާބުދާރީ ކުރެވެން ޖޭހެނެ ބައެއް ކަމަށެވެ.
އައިސިސް ހަނގުރާމަވެރިންގެ ގޮތުގައި ތިބި 10000އެއްހާ މީހުންނާ އެމީހުންގެ އާއިލާގެ މެމްބަރުންގެ ގޮތުގައި ތިބި އެތައް ހާސް ބަޔަކު މިވަގުތުވެސް މެދުއިރުމަތީގައި އެބަތިއްބެވެ. އަމިއްލަ ވަޒަން ދޫކޮށް އައިސިސްއާއި ގުޅުނު މީހުންނާ އެމީހުންގެ އާއިލާތަކުގެ މެމްބަރުން އަނބުރާ ބަލައިގަތުމަށް ގައުމުތަކުން އިންކާރު ކުރަމުންދާއިރު، ވިލާތުގެ ބައެއް ގައުމުތަކުން ވަނީ އެމީހުންގެ ރަށްވެހިކަންވެސް ބާތިލުކޮށްފައެވެ.
ރަށްވެހިކަން ބާތިލުކުރި ކަމުގައި ވީ ނަމަވެސް އައިސިސް ގައިދީންގެ ގޮތުގައި މުހާތަބު ކުރަމުން އަންނަ އައިސިސް ހަނގުރާމަވެރިންނާ އެމީހުންގެ އާއިލާތައް އަނބުރާ އެމީހުންގެ އަމިއްލަ ވަޒަނަށް ފޮނުވާލާނެ ކަމުގެ އިންޒާރު ތުރުކީވިލާތުންވެސް ވަނީ ދީފައެވެ. އަދި މީގެ ތެރެއިން ބައެއް މީހުން ފޮނުވާލަން ފަށާފައިވާކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.