އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއަށް ދައުލަތުން ފޯރުކޮށްދެމުން ދާ ސެކިއުރިޓީ އަދި އިނާޔަތްތައް މެދުކަނޑައިލާފައެއް ނުވެއެވެ.
އުއްތަމަ ފަނޑިޔާރަށް ދައުލަތުން ފޯރުކޮށްދެމުންދާ ސެކިއުރިޓީ އަދި އިނާޔަތްތައް މެދުކަނޑައިލައިފައިވާ ކަމަށް ބުނެ، ސޯޝަލް މިޑިއާގައި ދެކެވެމުންދާ ވާހަކަ ތަކާއި ގުޅިގެން ޖުޑިޝަރީން ވަނީ އެކަން ދޮގުކޮށް، އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ އަދި އެހެނިހެން އިނާޔަތްތައް ދައުލަތުން ފޯރުކޮށްދެމުންދާ ކަމަށް ބުނެފައެވެ.
މިކަމާ ގުޅިގެން، އެމްއެންޑީއެފުން ވެސް ވަނީ، އުއްތަމަ ފަނޑިޔާރަށް އެމްއެންޑީއެފުން ފޯރުކޮށްދެމުންދާ ސެކިއުރިޓީ ހުއްޓާ ނުލާ ކަމަށް ބުނެފައެވެ.
އުއްތަމަ ފަނޑިޔާރަށް ފޯރުކޮށްދީފައިވާ އިނާޔަތްތަކާއި ސެކިއުރިޓީ މެދުކަނޑާލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑީއާގައި ހަގީގަތާއި ހިލާފު ވާހަކަތަކެއް ފެތުރިފައިވާއިރު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން ބަލައިގަތުމަކީ ކުރައްވާފައިވާ ހުވަޔާ ހިލާފުން ކަމަށް ބުނެ، އުއްތަމަ ފަނޑިޔާރު ވަނީ އެ ނިންމުން ބަލައިނުގެންފައެވެ.
ޖޭއެސްސީގެ ނިންމުން ބަލައި ނުގަންނަން އުއްތަމަ ފަނޑިޔާރު ނިންމާފައިވާއިރު، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ފަނޑިޔާރު އާދަމް މުހައްމަދާއި އުއްތަމަ ފަނޑިޔަރު މަގާމުން ވަކިކުރުމަށް ފާސްކޮށްފައެވެ.