34 ރަށެއްގެ ފެނާއި ނަރުދާމާ އެޅުމަށް އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ޝާހު ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، އދ. ހަންޏާމީދޫ ފެނުގެ ނިޒާމު ގާއިމް ކުރުމަށް މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އާ ހަވާލުކޮށްފައި ވާ ކަމަށް މިނިސްްޓްރީއޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާންސްޓްރަކްޗާއިން ބުނެފިއެވެ.

34 ރަށުގެ ފެނާއި ނަރުދާމާ އެޅުމަށް ހަވާލުކޮށްފައި ވަނީ 40 މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝްރޫއަކީ އިންޑިއަން އެގްޒިން ބެންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާ މަޝްރޫއެއް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ފެނާއި ނަރުދަމާ ނިޒާމު ޑިޒައިންކުރުމާއި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ ހަދާ 34 ރަށުގެ ލިސްޓު

މި މަޝްރޫގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާ މަސައްކަތް ތަކަކީ ޑީޓެއިލް ޕްރޮޖެކްޓް ރިޕޯޓު ލިޔެ ތައްޔާރު ކުރުމާއި ޕްރިލިމިނަރީ ޑިޒައިން ތައްޔާރު ކުރުމާއި ޓެންޑަރިން މަރުހަލާގެ ހިދުމަތްތަކުގެ އިތުރުން ކޮންސްޓްރަކްޝަން ސުޕަވިޝަންގެ ހިދުމަތްތަކެވެ.

މި މަޝްރޫގައި ހިމެނޭ 34 ރަށުގެ ތެރެއިން ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 17 ރަށުގައި ކަމަށާއި ފެނުގެ ޑިޒައިން މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 32 ރަށުގައި ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަންޏާމީދޫ ފެނުގެ ނިޒާމު ގާއިމް ކުރުމަށް ހަމަޖެހިފައިވާ މަޝްރޫގެ ދަށުން ފެނުގެ ނިޒާމު ފަރުމާ ކުރުމާއި ރަށުގައި ފެނުގެ ވިއުގަ އެޅުމާއި އާރްއޯ ޕްލާންޓާ ސްޓޯރޭޖް ޓޭންކު ބެހެއްޓުމުގެ އިތުރުން ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުން ހިމެނެއެވެ. މި މަޝްރޫއު ނިންމުމަށް ދީފައި ވަނީ 22 މަސްދުވަހެވެ.

އދ.ހަންޏާމީދޫގެ ފެނުގެ ނިޒާމް ގާއިމްކުރުމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުން

މި ދެ ކޮންޓްރެކްޓްގައިވެސް ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއެކުރެއްވީ އެ މިނިސްޓްރީ ގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝަނާ ޣަފޫރެވެ. އަދި ޝާހު ޓެކްނިކް ގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ ގޯތަމް މަހާވީރު ޝާހެވެ. އެމްޑަބްލިޔުއެސްސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އާދަމް އާޒިމެވެ.