ދިވެހިރާއްޖޭގައި އޮތީ އިސްލާމީ ފިކުރާއި ލާދީނީ ފިކުރު ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

"މަވެސް ޕީޕީއެމް"އަށް މި ޝިއާރުގެ ދަށުން ބައެއް އާންމު ރައްޔިތުންނާއި ސިޔާސީ ބައެއް ފަރާތްތައް ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނަށް ސޮއިކުރުމަށް ބޭއްވި ހަފްލާއެއްގައި މިރޭ ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީގެ ފިކުރަކީ އަބަދުވެސް މާތްވެގެންވާ އިސްލާމްދީނުގެ ފިކުރު ކަމަށެވެ. އެހެންނަމަވެސް މިއަދު ރާއްޖޭގެ ވެރިކަމުގައި އޮތް ޕާޓީއަކީ ލާދީނީ ފިކުރުގެ ޕާޓީއެއް ކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގައި އޮތީ ދެ ފިކުރު. އަޅުގަނޑުމެން ކުރިން ކިޔާ ގޮތަށް ދެންމެ ކާނަލް ނަޝީދުގެ ވާހަކަފުޅުގައި އެ ވިދާޅުވީ. އެކަމަކު މިއަދު އަޅުގަނޑު އެ ދެ ފިކުރުގެ ތައާރަފު ބަދަލުކުރަން ބޭނުންވޭ. ދިވެހިރާއްޖޭގައި އޮތީ ދެ ފިކުރު. އެއް ފިކުރަކީ ދީނީ ފިކުރު. އެއީ ޕީޕީއެމް ޕީއެންސީގެ ފިކުރު. އަނެއް ފިކުރަކީ ލާދީނީ ފިކުރު. އެއީ މިހާރު ވެރިކަން ހިންގާ ޕާޓީގެ ފިކުރު،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ ތުއްތު ކުދިން ކިޔަވާ މަދަރުސާތަކުގައި ނަމާދު ކުރުމަށް ވަކި ހާއްސަ ތަނެއް ހުންނަން ނުޖެހޭނެ ކަމަށް ސަރުކާރުގެ އިސް މަސްއޫލުވެރިޔަކު ވިދާޅުވުމުން ރާއްޖޭގައި ލާދީނީ ފިކުރު އޮތް މިންވަރު ދޭހަވެގެން ދާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އޮންނާނީ އިސްލާމްދީން ކަމަށާއި ރާއްޖޭގެ ޝަރީއަތަކީ އިސްލާމްދީން ކަމަށް ބަލައިގެން ދިވެހިން އުޅޭއިރު ޝަރީއާ ތަންފީޒު ކުރާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދީނީ އިލްމު ނެތް މީހުން އައްޔަން ކުރެވިގެންދާއިރު ރާއްޖޭގައި ލާދީނީ ފިކުރު އޮތް މިންވަރު ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށެވެ.

"އަޅުގަނޑު އެއްވެސް ވަރަކަށް ފަނޑިޔާރުގެއަށް އައްޔަންކުރައްވާ ބޭފުޅުންގެ އިލްމީ ގާބިލުކަމާއި މެދު ސުވާލު އުފައްދަނީކީއެއް ނޫން. އެކަމަކު ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ މަސްދަރަކީ އިސްލާމްދީން ކަމަށްވެފައި ދިވެހިރާއްޖޭގެ ޝަރީއަތުގެ ބިނާއަކީ އިސްލާމްދީން ކަމަށްވާއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިސްލާމީ ޝަރީއަތުގެ މައުލޫމާތު ހުންނަންވާނެ. އެ ދާއިރާއިން އިލްމުވެރި ބޭފުޅުންނަށް ވާންވާނެ،" ރައީސް ޔާމީންގެ ވާހަކަފުުގައި ވިދާޅުވިއެވެ.

ރާއްޖޭގައި 2018ވަނަ އަހަރު ބޭއްވިގެން ދިޔަ ރިޔާސީ އިންތިހާބު "ހިލާލާފައިވާ" ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ އޭރުވެސް ދިވެހި ރައްޔިތުން ގާތުގައި ޕީޕީއެމްއިން ބުނަމުން ދިޔައީ މި ސަރުކާރު ވެރިކަމަށް އައުމުން ކަންވެގެންދާނެ ގޮތްތަކުގެ ވާހަކަތައް ކަމަށެވެ. ނަމަވެސް އޭރު ދިވެހި ރައްޔިތުންގެ ތެރެއިން މަދު ބަޔަކު ނަމަވެސް ޣާފިލުވީ ކަމަށާއި އެހެންނަމަވެސް ބޮޑު އަޣުލަބިއްޔަތެއް އަދިވެސް މި ސަރުކާރަށް ނޫނެކޭ ބުނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"މިރޭވެސް އަޅުގަނޑު މި ދަންނަވަނީ އިންތިހާބު އެއޮތީ ހިލާލާފައި. އޭރު ނިކުތް މައްސަލަތަކާއި 2018ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި މިކަންކަމާއި ގުޅިގެން ބައްލަވާ ޑޮމިނޯއެއްހެން ފަހަރަކު އެއްޗެއް ފަހަރަކު އެއްޗެއް ތިރިވަމުންދާތަން މިއޮށް ފެންނަނީނޫންތޯ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ޕޯޑިއަމްއަކީ ސާބިތުކަމާއި އެކުގައި މަސައްކަތް ކުރާ މީހުންނަށް ނޫނިއްޔާ ޖާގަ ނުދޭ ޕޯޑިއަމްއަކަށް ހަދަންޖެހޭ ކަމަށެވެ. ޕީޕީއެމް ޕީއެންސީގެ ޕޯޑިއަމްއަކީ ޝަރަފުވެރި ޕޯޑިއަމްއެއް ކަމަށާއި އެ ޕޯޑިއަމްގައި ދުވާލަކު ގޮތަކަށް ފިކުރު ބަދަލުވަމުންދާ މީހުންނަށް ޖާގައެއް ނޯންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެޕާޓީގެ ޕޯޑިއަމްއަކީ ދިވެހި ރައްޔިތުން ގަބޫލުކުރާ މަސްދަރުތައް ހިމާޔަތް ކޮށްދޭނެ ޕޯޑިއަމްއެއް ކަމަށްވެސް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ތަރައްގީއަކީ ތަނެއްގައި ފެންފޯއް ރުކެއް އިންދުން ނޫން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ ތަރައްގީގައި ގައުމުގެ ރިޒާވް އިތުރުވެގެންދާތަން ފެންނަން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ވަޒީފާތައް އިތުރުވެ ބޭރުގެ ބޮޑެތި އިންވެސްޓަރުން އަންނަތަން ފެނުމަކީ ތަރައްގީވެގެން އައުން ކަމަށެވެ.

އިގްތިސޯދުގެ ހިސާބު އަކުރުތަކުން އަންނަ ބަދަލުތައް ނުފެންނަ ކަމަށްވަންޏާ އޭގެ މާނައަކީ ބޭރުން ރާއްޖެއަށް އިންވެސްޓުކުރަން ބޭނުންވާ ފަރާތްތައް ރާއްޖޭގެ އިގްތިސޯދާއި ދޭތެރޭގައި ޔަގީން ނެތީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.