ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި ކ. ތުލުސްދޫއަށް ނިސްބަތްވާ ފާތިމަތު އަންޖުން ޝަފީގު، 13 އަހަރު، ކިޔަވަމުން ގެންދިޔަ ޖަމާލުއްދީން ސްކޫލުގެ ކިޔެވުން މެދުކަނޑާއިލައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެ ސްކޫލުން ބުނީ އެ ސްކޫލުގެ ކިޔެވުން ހެނދުނު 9:45 ގައި މެދުކަނޑާލާފައި ވާކަމަށާއި އަންޖުމްގެ މަރާ އެކު އަންޖުމްގެ ޓީޗަރުން ތިބީ ޝޮކެއްގައި ކަމަށެވެ. އަންޖުމް ކިޔަވަމުން ދިޔައީ އެ ސުކޫލުގެ ގްރޭޑު 7 ގައެވެ.

އަންޖުމް ނިޔާވީ ރޭ އޭނާގެ މަންމަ އާ އެކު ސައިކަލެއްގައި ދަނިކޮށް ހުޅުމާލެ ބުރިޖު ކޮޅުން ހައިވޭއަށް ދަތުރުކުރާ މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ. އަންޖުމް އާއި އޭނާގެ މަންމަ ތިބީ ސައިކަލުގައެވެ. މި އެކްސިޑެންޓްގައި އަންޖުމް ނިޔާވީ އޭނާގެ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ.

މިހާރު އަންޖުމްގެ މޫނު ދެއްކުމުގެ ކަންތައްތައް ކުރިއަށް ދާއިރު އޭނާގެ ޖަނާޒާ އޮތީ މިއަދު މެންދުރު ނަމާދަށް ފަހު ހުޅުމާލޭ ވަގުތީ މިސްކިތުގައެވެ. އާއިލާގެ ހިތަމައިގައި ބައިވެރިވެ އަންޖުމްގެ ކަށުނަމާދުގައި ބައިވެރިވުމަކީ އާއިލާގެ ބޮޑު އެދުމެކެވެ.