ށ. ގުނާފަރު ފިނޮޅުން ވެލި ނަގަމުންދިޔަ ބަޔަކު ފުލުހުން ހުއްޓުވައިފިއެވެ.

ފުލުހުން މިއަދު ބުނީ ށ. ގުނާފަރު ފިނޮޅުން ވެލި ނަގާ ކަމުގެ މައުލޫމާތު ށ. ކަނޑިތީމު ކައުންސިލުން ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅުމާއި އެކު އެސަރަހައްދަށް ގޮސް އެމީހުން ހުއްޓުވާ އަދި ގޯނިތަކަށް އަޅާފައިވާ ވެލިބަސްތާތައް ހުސްކޮށް އެމީހުން އެސަރަހައްދުން ވަނީ ފޮނުވާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރަށްރަށުގެ ގޮނޑު ދޮށުންނާއި އަދި ފަޅުރަށްތަކުން ވެލި ނެގުމުގެ މައްސަލަތަކަކީ ފުލުހުންނާއި އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލަތަކެކެވެ. އެގޮތުން ދާދިފަހުން ގއ. ވިލިނގިލި ވެލި ނެގި ދެ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ދާދިފަހުން ބުނެފައެވެ.

ގެދޮރު އަޅަން ނުވަތަ އެހެން އަމިއްލަ ބޭނުންތަކަށް ވެލި ނެގޭނީ "ރާއްޖެތެރޭގެ މީހުން އުޅޭ ރަށްރަށުން ގަލާއި، ވެއްޔާއި، އަކިރި ނެގުމާ ބެހޭ" ގާނޫނާއި "ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުންކުރުމާ ބެހޭ ގަވާއިދު" އަދި "ދިވެހި ރާއްޖޭގެ ރަށްރަށާއި ފަޅު ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އީޕީއޭގެ ހުއްދަ ނަގައިގެނެވެ.