ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޒަންގެ ޑިރެކްޓަރު އާތިކާ އިބްރާހިމްގެ މައްސަލަތަކެއް ތަހުގީގުކުރަމުން ދާތީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އޭނާ ސަސްޕެންޑްކޮށްފި އެވެ.

އާތިކާ ސަސްޕެންޑުކުރީ މާދަމާއިން ފެށިގެން ޑީޖޭއޭއިން ބަލަމުން އަންނަ އާތިކާގެ މައްސަލައާ ގުޅޭ ގޮތުން ވަކި އެއްޗެއް އަންގަންދެންނެވެ. އާތިކާ އަކީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ޕާސަނަލް ސެކްރެޓަރީއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ ފަރާތެވެ.

ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒު މަސްއޫލިއްޔަތުތަކުން ދުރުކޮށް އޭނާގެ މައްސަލަތަކެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިގެން ބަލަން ނިންމުމަށްފަހު، މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ ބައެއް ޒިންމާތައް ވެސް އަދާކުރައްވަނީ އާތިކާ އެވެ.

މީގެއިތުރުން ޖޭއެސްސީން ބަލަމުންދާ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައަކާ ގުޅިގެން އެ ކޮމިޝަނަށް ހާޒިރުވާން ނޯޓިސް ފޮނުވުމުން އެ ނޯޓިހާ ހަވާލުވާން ވެސް އުއްތަމަ ފަނޑިޔާރު އިއްޔެ ވަނީ ދެކޮޅު ހައްދަވާފައެވެ.

ޖޭއެސްސީން ބުނީ އެނޯޓިސް ހަވާލުކުރުމަށް އެ ކޮމިޝަނުގެ މުވައްޒަފަކު މަސައްކަތް ކުރުމުން، މުވައްޒަފާ މުހާތަބުކުރައްވައި، ތިޔައީ ކޮންފަރާތެއްތޯ އެއްސެވުމުން، އެ މުވައްޒަފުގެ ނަން އުއްތަމަ ފަނޑިޔާރަށް ދަންނަވައި، އައިޑެންޓިޓީ ކާޑު ދައްކައި، އޭނާއަކީ ޖޭއެސްސީގެ ލިޔުމެއް ހަވާލުކުރުމަށް ފޮނުވި މުވައްޒަފެއްކަމަށް ދެންނެވި ކަމަށެވެ.

ނަމަވެސް އުއްތަމަ ފަނޑިޔާރު މިއަދު ޖޭއެސްސީއަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ޝަރުއީ ކޯޓަކުން ނިންމާފައިވާ ނިންމުމަކާއި ގުޅިގެން އެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަން ނިންމުމަކީ ގާނޫނު އަސާސީއާ އިސްލާމީ ޝަރީއަތާއި ހިލާފު ކަމެއް ކަމަށެވެ. އެ ސިޓީގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމާފައިވާ ބައެއް މައްސަލަތަކާއި ގުޅިގެން ޖޭއެސްސީން ބަލަނީ ގާނޫނުތަކާއި ހިލާފަށް ބަލަމުންދާ މައްސަލަތަކެއް ކަމަށެވެ. އަދި އެކަމާއި ގުޅިގެން އެ ކޮމިޝަނުން ފޮނުވި ރިޕޯޓަށް ޖަވާބުދާރީވެ ވަޑައިގަންނަވަންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.