ޝަރުއީ ކޯޓަކުން ނިންމާފައިވާ ނިންމުމަކާ ގުޅިގެން އެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަން ނިންމުމަކީ ގާނޫނު އަސާސީއާ އިސްލާމީ ޝަރީއަތާއި ހިލާފު ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާއި ގުޅިގެން އުއްތަމަ ފަނޑިޔާރުވެސް ޝާމިލުވާ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ބަލަމުންދާ މައްސަލަތަކާއި ގުޅިގެން އެ ކޮމިޝަނަށް ފޮނުވި ސިޓީއެއްގައެވެ. އެ މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ޖޭއެސްސީން ކުރި ތަހުގީގުގެ ރިޕޯޓް އެމަނިކުފާނަށް ފޮނުވިޔަސް، އެ ރިޕޯޓާ ހަވާލުވެ ވަޑައިގަތުމަށް ވަނީ ދެކޮޅު ހައްދަވައިފަ އެވެ.
އުއްތަމަ ފަނޑިޔާރު ޖޭއެސްސީއަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ ބައެއް މައްސަލަތަކާއި ގުޅިގެން ޖޭއެސްސީން ބަލަނީ ގާނޫނުތަކާއި ހިލާފަށް ބަލަމުންދާ މައްސަލަތަކެއް ކަމަށެވެ. އަދި އެކަމާއި ގުޅިގެން އެ ކޮމިޝަނުން ފޮނުވި ރިޕޯޓަށް ޖަވާބުދާރީވެ ވަޑައިގަންނަވަންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.
ޖޭއެސްސީން ކުރިއަށް ގެންދާ ގާނޫނާއި ހިލާފު ތަހުގީގުތަކަށް ތަބާވެ ވަޑައިގަތުމަކީ ހަގީގަތާއި ހިލާފަށް އޭގައި ގާނޫނީ ކުލަ ޖެއްސުމަށް އެހީތެރިވެ އެކަމަށް ގާނޫނީ ބުރަދަން ދިނުން ނޫން ކަމަށްވެސް ނުވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ.
ޖޭއެސްސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުން ބަލަމުންގެންދާ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައަކާ ގުޅިގެން ތަހުގީގު ކޮމިޓީއަށް ހާޒިރުވުމަށް އެމަނިކުފާނަށް ހަވާލުކުރަންޖެހޭ ނޯޓިހެއް އެ ކޮމިޝަންގެ މުވައްޒަފެއް އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ގޮސް އެނޯޓިސް ހަވާލުކުރުމަށް މިއަދު މަސައްކަތް ކުރި ކަމަށެވެ.
އެގޮތުން އެ މުވައްޒަފު އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ގޮސް، އެނޯޓިސް ހަވާލުކުރުމަށް މަސައްކަތް ކުރުމުން، މުވައްޒަފާ މުހާތަބުކުރައްވައި، ތިޔައީ ކޮންފަރާތެއްތޯ އެއްސެވުމުން، އެ މުވައްޒަފުގެ ނަން އުއްތަމަ ފަނޑިޔާރަށް ދަންނަވައި، އައިޑެންޓިޓީ ކާޑު ދައްކައި، އޭނާއަކީ ޖޭއެސްސީގެ ލިޔުމެއް ހަވާލުކުރުމަށް ފޮނުވި މުވައްޒަފެއްކަމަށް ދެންނެވި ކަމަށް ޖޭއެސްސީން ބުންޏެވެ.