އެމްއެމްޕީއާރްސީ ހިޔާނާތުން ފައިސާ ނެގި މީހުން ޓެސްޓު ކުރެވޭ މެޝިނެއްވެސް މަޖިލިސް ދޮރުމަތީގައި ބަހައްޓަން ޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ޖާބިރު ބަހުސް ކުރައްވަމުން ގެންދަވަނިކޮށް ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، މަޖިލީހުގައި ޑޯޕް ޓެސްޓް ހެދޭގޮތް އިންތިޒާމް ކުރަންޖެހޭކަން ފާހަގަކުރައްވާ، އޭނާގެ ބަހުގެ ހަމަލާ ޖާބިރަށް އަމާޒުކުުރައްވާފައެވެ. އެގޮތުން އޭނާ ވަނީ، ރާއްޖޭގައި ރަލާއި ބަނގުރާ ވިއްކުން މަނާ ކުރުމަށް ގަރާރުތައް ހުށަހަޅުއްވާ އުސޫލުން މަޖިލީހަށް ބޮއެގެން ތިބޭ މީހުން ވަނުން މަނާ ކުރަން ޖެހޭ ކަމަށާއި، ޖާބިރަށް އަމާޒުކޮށް ދުވާ މުޑުދާރު ވަހުން މަޖިލީހުގައި އޭނާ ކައިރީގައި ތިބޭ މީހުންނަށް ތިބެވޭ ވަރު ނުވާ ކަމަށް ވިދާޅުވެ ޖާބިރަށް ތުހުމަތު ކުރައްވާފައެވެ.

ޖަވާބުގައި ޖާބިރު ވަނީ މިރޭ ޓެސްޓު ކުރުމަށް އޭނާ ތައްޔާރު ކަމަށް ވިދާޅުވެފައެވެ. އަދި ޖާބިރަށް ލިބިވަޑައިގެންފައިވާ ބަހުސްގެ ވަގުތު ހަމަވުމުން އޭނާ ވަނީ ނާޝިޒް ޓެގް ކުރައްވާ ޓްވީޓް ވެސް ކުރައްވާފައެވެ. ޓްވީޓުގައި ޖާބިރު ވިދާޅުވީ، ހުރިހާ އެއްޗެއް ޓެސްޓު ކުރެވޭ މެޝިން މަޖިލިސް ދޮރުމަތީގައި ބަހައްޓަން ޖެހޭ ކަމަށާއި، އޭގެ ތެރޭގައި އެމްއެމްޕީއާރްސީން ފައިސާ ނެގި ވަގުންނާ އެއްޖިއްސުން ގުޅުން ހިންގާ ޕެޑޮފައިލްސް ޓެސްޓު ކުރެވޭ މެޝިން ބަހައްޓަން ޖެހޭ ކަމަށެވެ. އަދި ބިއްލޫރި ކޮށީގައި ދިރިއުޅޭ މީހުންނަށް މީހުންގެ ގޭގެއަށް ގާނުއުކޭނެ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

މިއަދުގެ މަޖިލީހުގައި ބަހުސް ކުރައްވަމުން ޓެކްސްގެ ވާހަކަ ދައްކަވަން ފެއްޓެވުމުން ނާޝިޒްވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި ޓެކްސްގެ ވާހަކަ ދައްކާއިރު، ވޭތުވެދިޔަ އަހަރެއްހާ ދުވަހު ޖާބިރު ދައުލަތަށް ޓެކްސް ދައްކަވާފައި ނުވާ ކަމަށާއި، ކުލީގެ ގޮތުގައި ޖާބިރު ދައުލަތަށް ދައްކަވަން ޖެހޭ 1.5 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހުރިކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ރުފިޔާ ދައްކަވާފައި މަޖިލީހުގައި ވާހަކަ ދެއްކެވުމަށް ވިދާޅުވެ، ނާޝިޒް ވަނީ ޖާބިރުގެ ކިތައް މުވައްޒަފުންނަށް މުސާރަ ނުދީ ހުރިތޯ އައްސަވާފައެވެ.

ނާޝިޒަށް ރައްދު ދެއްވަމުން ޖާބިރު ވަނީ ދިވެހި ދައުލަތަށް ދައްކަން ޖެހޭ ރުފިޔާއެއް ނޯންނާނެ ކަމަށާއި،އެންމެ ގިނައިން ޓެކްސް ދެއްކީ އޭނާ ކަމަށް އަދި ގުދޯގުދޯ ނުކިޔުމަށް ގޮވާލައްވާފައެވެ. ޖާބިރު ވަނީ ނާޝިޒާއި އޭނާގެ އައުލާދުން ޓެކްސް ނުދައްކައިގެން މުދާނަގަން ޖެހުނު ކަމަށް ވެސް ވިދާޅުވެފައެވެ.

ޖާބިރާއި ނާޝިޒްގެ ދެމެދު ބަހުގެ ހަަލާތައް ބަދަލުކޮށްފައިވާއިރު، ޖާބިރާއި ނާޝިޒްގެ އަންހެނުން އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް ވެސް ތުހުމަތުތަކެއް ކުރައްވާ، ބަހުގެ ހަމަލާ ބަދަލުކޮށްފައެވެ. އެގޮތުން ރޮޒައިނާއަށް ވައްކަމުގެ ތުހުމަތު ކުރެއްވުމުން ރޮޒައިނާ ވަނީ، އެހެން ގައުމުތަކުގައި ވެސް ރޭންޑަމް ޓެސްޓިން ހަދާކަން ފާހަގަ ކުރައްވާ، މަޖިލީހުގައި އަލްކަހޯލް ޓެސްޓު ހެދޭ ގޮތަށް ބެހެއްޓުން ވަރަށް މުހިންމު ކަމަށް ވިދާޅުވެފައެވެ.