އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ރައިސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ އިންތިހާބާ ދިމާކޮށް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ގިނަ ވައުދުފުޅުތަކެއް ހުރި ބަޖެޓަކަށް ވުމުން ބަޖެޓު ފާސްކޮށްދެއްވުމަށް މަޖިލީހުގެ މެންބަރުންގެ ކިބައިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެދިވަޑައިގެންފިއެވެ.
އަމީރު މިދާޅުވީ ބަޖެޓް ތައްޔާރުކޮށްފައިވާނީ މި އަހަރުގެ ޖުލައި މަހު ސަރުކާރުން ތައްޔާރުކުރި ފިސްކަލް ސްޓްރެޓަޖީގައި ހިމަނާފައިވާ ގިނަ ކަންތަށްތަށް ހާސިލްވާގޮތަށް ކަމަށާއި މެދު ރާސްތާ އިގުސިތޯދީ ތަސައްވަރަށް ބަލާފައިކަމަށެވެ.
މިއަދުގެ މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ބަޖެޓު ބަހުސަށް 21 ގަޑިއިރު ކަނޑައަޅައިފައެވެ. އެހެންކަމުން ކޮމެޓީން ބަޖެޓް ފާސްކުރުމުގެ ކުރިން ކޮންމެ މެންބަރަކަށް 15 މިނެޓް އަދި ކޮމެޓީ ރިޕޯޓަށްފަހު ބަޖެޓަށް ބަހުސްކުރުމަށް ހަތް މިނެޓް ލިބޭނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި ބަޖެޓް ބަހުސަށް 21 ގަޑިއިރު ކަނޑައަޅާފައިވާތީ، މިއަދުގެ ޖަލްސާވެސް ހަވީރު 5:00 އާ ހަމައަށް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މެންބަރަކަށް ދެވިފައިވާ ވަގުތު ޖެހުމުން, ތަޅުމުގައި ނެތި ގޭގައި ހުންނެވިޔަސް، މަޖިލީހުގެ ސާޖަންޓް އޮފް އާމްސް މެދުވެރިކޮށް އެ މެންބަރަކު ގެންނަވާ، ބަހުސްގައި ބައިވެރިކުރައްވާނެ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މިއަދުގެ މަޖިޅިހުގައި ކުރިއަށް މިދާ ބަހުސްއަކީ ރައީސް ގެ ވައުދުފުޅު ފުއްދެވުމަށް އޮތް އެންމެ އަވަސް ގޮތެވެ. އެގޮތުން ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން ފުރަތަމަ 100 ދުވަހުގެ އެޖެންޑާއެއް އެކުލަވާލެއްވި އިރު، އެއް އަހަރު ދުވަހުގެ އެޖެންޑާއަކާއި ފަސް އަހަރުގެ މާސްޓަ ޕްލޭނެއް ހަދާވާފައިވާ ކަމަށާއި އެ ވައުދުފުޅުތައް ފުއްދުމަށް އެންމެ ހިނދުކޮޅަކު ވެސް މަޑު ޖެހިވަޑައިގަތިމެއް ނެތި ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން ރައީސް ވަނީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދެވުމަށް މަޖިލީހުގެ ދައުރު މުހިންމު ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވައިފައެވެ. އަދި މަޖިލީހުގައި ތިއްބަވަން ޖެހޭނީ އެ ވައުުދުފުޅުތައް ގަބޫލުކުރައްވާ މެންބަރުން ކަމަށާއި އެހެން ނޫން ނަމަ ވައުދުފުޅު ފުއްދެވުމުގައި ސަރުކާރަށް ދަތިވާނެ ކަމަށްވެސް ރައީސް ވިދާޅުވެފައި ވެއެވެ.