ރައްޔިތުންގެ މަޖިލީހުގެ މިއަދު ބޭއްވި ޖަލްސާގައި ބަހުސް ކުރައްވަމުން މި ސަރުކާރުގެ މިނިސްޓަރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގިނަ ތުހުމަތުތަކެއް ކުރައްވައިފިއެވެ.

ބަހުސް ކުރައްވަމުން ޖާބިރު ވަނީ ރައީސް ސޯލިހާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް ވައްކަމުގެ ތުހުމަތު ކުރައްވާފައެވެ. އަދި ރައީސް ސޯލިހާއި ޝާހިދު އަދި އަމީރު މަގާމު ހޯއްދެވީ ރިޝަވަތު ދެއްވައިގެން ކަމަށް ވިދާޅުވެ ޖާބިރު ވަނީ ރައީސް ސޯލިހަކީ ރިޝްވަތުގެ ދާއިރާއިން ޕީއެޗްޑީ ނަންގަވައިގެން ހުންނެވި ބޭފުޅެއް ކަމަށާއި، ރައީސް ސޯލިހް މަޖިލީހަށާއި، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުއްވާ ކަމަށް ވިދާޅުވެ ތުހުމަތު ކުރައްވާފައެވެ.

ބަޖެޓާ ބެހޭގޮތުން ބަހުސް ކުރައްވަމުން ޖާބިރު ވަނީ ފިނޭންސް މިނިސްޓަރުގެ ކަމަކީ ލާރިބެއްސެވުން ކަމަށް ތުހުމަތު ކުރައްވާ، ރައްޔިތުންގެ ފައިސާ އެގޮތަށް ބައްސަވަން ބަޖެޓަށް ރުހުން ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކުރިން ރުހުން ދެއްވި 31 ބިލިއަން ރުފިޔާގެ ބަޖެޓުން، ހުރިހާ މިނިސްޓަރުން ބެއްސެވުމަށްފަހު، މިއަދު އެވެނިކަމެއް ވާނޭ މިވަނި ކަމެއް ވާނޭ ކިޔައި ހިޔާލީ ފޮލާ ދައްކައިގެން 37 ބިލިއަންގެ ބަޖެޓެއް ފާސް ކުރައްވަން ވަޑައިގެންނެވުމުން އެކަން ނުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ، މި ބަޖެޓުގެ 80 ޕަސެންޓަކީ ރިކަރަންޓް ކޮސްޓް ކަމަށާއި، ރިކަރެންޓް ކޮސްޓް ކުޑަ ކުރުމަށް މަސައްކަތް ކޮށް، އިންޓަނޭޝަނަލް ނޯމްސްއާއި ސްޑޭންޑަޑާ އެއްގޮތަށް އޮޕަރޭޓް ވާން ޖެހޭ ކަމަށެވެ.

ޖާބިރު ވިދާޅުވީ، މިއަދަކީ މިއީ ރައީސް ސޯލިހްގެ ވެރިކަމުގެ މުއްދަތު ހަމަވާ ދުވަސްކަމަށާއި، އެމަނިކުފާނު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ. އަދި ރައީސް ސޯލިހްގެ ސަރުކާރަކީ މި ރާއްޖޭގައި ތިބި ހުރިހާ އެންމެން އަދުލު އިންސާފުގެ ބޭރުން ހައްޔަރުކޮށް ބަހައްޓާފައި ވަގުތީ ގޮތުން ގާއިމް ކުރި ސަރުކާރެއް ކަމަށާއި، މިއަދަށް އެއް އަހަރު ފުރުނުއިރު، އެމަނިކުފާނަށް ސަރުކާރު ނުހިންގުނު ކަމަށް ވިދާޅުވެ ޖާބިރު ވަނީ މި ރާއްޖެ މަސައްކަތް ކުރާނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލު ކޮށްގެން ކަމަށް ވިދާޅުވެފައެވެ. ޖާބިރު ވިދާޅުވީ، މި ސަރުކާރު ހިންގަނީ ފޮރިން މިނިސްޓަރު ކަމަށާއި، އޭނާއަކީ ސިޓީ ވިއްކަވައިގެން ބަޖެޓް ބެލެންސް ކުރަން ވިސްނައިގެން އޭނާގެ ގެދޮރު އަޅުއްވާފައިވާ ބޭފުޅެއް ކަމަށް ވިދާޅުވެ ތުހުމަތު ކުރައްވާފައެވެ.

މިއީ ޣާފިލު ގައުމެއް ނޫން ކަމަށާއި، މި ރާއްޖޭގައި ތިބީ ކިޔަވައިގެން ތިބި މީހުން ކަމަށް ވިދާޅުވެ ޖާބިރު ވަނީ ބަޖެޓުގައި ތާނައިން ލިޔެފައި ހުރި އެއްޗެއް ކިޔުއްވަން އެނގިވަޑައިގަންނަވާ ކަމަށާއި، ކާށިދޫ ދާއިރާގެ އެއްވެސް އެއްޗެއް ޖަހާފައި ނެތް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ކާށިދޫ ދާއިރާއަށް އެއްޗެއް ޖަހާފައި ނެތީ އޭނާ އޮޕޮޒިޝަނުގައި ހުންނެވީމައި ކަމަށް ވިދާޅުވެ ޖާބިރު ވަނީ ކާށިދޫ ދާއިރާގައި ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޖަލެއް އަޅަން، ގެންދިޔަ 17 މިލިއަން ރުފިޔާގެ އެއްޗެހި މަގުމަތީގައި ހުރެ ކުނިވެ، ހަލާކުވެގެންދާ ކަމަށް ވިދާޅުވެފައެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ ތަކުރާރުކޮށް، ޖާބިރުގެ ބަހުސްގައި ވައްކަމާއި ތުހުމަތުތަކުގެ ވާހަކަ ތަކުރާރު ކުރައްވަމުން ގެންދަވާތީ އެކަން ފާހަގަކޮށް، ބަޖެޓާ ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް ހަނދާންކޮށްދީފައެވެ.

މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ / ފޮޓޯ: މަޖިލިސް

ޖާބިރު ބަހުސް ކުރައްވަމުން ގެންދަވަނިކޮށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވަނީ ހަތަރު ފަހަރަށް ނިޒާމީ ނުކުތާ ނަންގަވައި، މިއަދު ބަހުސް ކުރަނީ ބަޖެޓާއި ބެހޭގޮތުންކަން ހަނދާން ކޮށްދީ، މިނިސްޓަރުންނާއި ރައީސް ސޯލިހަށް ތުހުމަތުތައް ކުރެއްވުމަށް ނޫން ކަމަށާއި، ތުހުމަތުތައް ކުރައްވާ ހަޅޭއްލަވާއިރު މަޑުން ނުހުންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކާށިދޫ ދާއިރާގެ ރައްޔިތުން މިއަދު އަޑުއަހަން ތިބީ އެ ދާއިރާއަށް ކުރާ ކަންތަކުގެ ވާހަކަ ކަމަށާއި، ނޫމަޑިއާއި މޫދު މަޑީގެ ވާހަކަ ނޫން ކަމަށް ވިދާޅުވެ، ރާއީ ވަނީ ޖާބިރު ހަމައިން ނައްޓައިގެން ދާއިރަށް ހަމައަށް އަޅުވާނެ ކަމަށް ވިދާޅުވެފައެވެ. މިކަމާ ގުޅިގެން ޖާބިރު ވަނީ ރާއީ ނިޒާމީ ނުކުތާ ނަންގަވަނީ އޭނާއާ އެކު އެއްބަސްވެފައިވާ ގޮތުގެ މަތިން، އޭނާއަށް ބްރީފިން ސްޕޭސް ދެއްވުމުގެ ގޮތުން ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޖާބިރު ވަނީ ކާށީދޫ އަދި މާލެ އަކީ ޑޮލަރު ވިހާ ސަރަހައްދު ކަމަށް ވިދާޅުވެ، މި ސަރަހައްދުން ބިން ހިއްކުމާއި ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާ، ރާއްޖޭގެ އެހެން ސަރަހައްދުތަކުން ބިން ހިއްކުމަށް އެދިވަޑައިގެންފައެވެ. ޖާބިރު ވަނީ ހިއްކާފަ އޮތް ބިން ތަރައްގީ ނުކުރަނީ ކީއްވެތީ ސުވާލު އުފައްދަވާ، ކޮންމެ ވެރިއަކުވެސް ތިމަންނާ އޭނާއަށް ވުރެ ބޮޑު ބިމެއް ހިއްކީމޭ ވިދާޅުވުމުގެ ޝަރަފު ހޯއްދެވުމަށް ކުރައްވާ ކަމެއްތޯ ވެސް ސުވާލު އުފައްދަވާފައެވެ.