ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް އައިސިސް ޖަމާއަތާ ގުޅިގެން ސޫރިޔާއާއި އިރާގުގައި ހަނގުރާމަ ކުރަމުންދިޔަ ބޭރު ގައުމުތަކަށް ނިސްބަތްވާ ހަނގުރާމަވެރިން، އެމީހުންގެ އަމިއްލަ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށް ތުރުކީވިލާތުން ހާމަކޮށްފިއެވެ.

ތުރުކީވިލާތުގެ ދާހިލީ ވުޒާރާގެ ތަރުޖަމާނެއް ކަމަށްވާ އިސްމާއީލު ކާސިކްލީ ވިދާޅުވީ، އެމެރިކާއަށް ނިސްބަތްވާ ހަނގުރާމަވެރިއަކު މިހާރު ޑީޕޯޓްކޮށްފައިވާނެ ކަމަށާ، މިހާރު ކުރިއަށް ދަނީ ޖަރުމަންވިލާތަށް ނިސްބަތްވާ 7 ހަނގުރާމަވެރިއަކު ޑީޕޯޓްކުރުމުގެ މަސައްކަތް ކަމަށެވެ. ޖަރުމަނުވިލާތަށް ނިސްބަތްވާ 7 ހަނގުރާމަވެރިއަކު ޑީޕޯޓްކުރާނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށްވެސް ކާސިކްލީ ވަނީ ހާމަކުރައްވާފައެވެ.

އައިސިސްއާއި ގުޅިގެން މެދުއިރުމަތީގައި ހަނގުރާމަ ކުރަމުންދިޔަ ބޭރު ގައުމުތަކުގެ ހަނގުރާމަވެރިންގެ ރަށްވެހިކަން، އެމީހުންގެ އުފަން ގައުމުތަކުން ބާތިލުކޮށްފައި އޮތް ނަމަވެސް، އެ ގައުމުތަކަށް ހަނގުރާމަވެރިން ޑީޕޯޓްކުރާނެ ކަމުގެ އިންޒާރު، ތުރުކިވިލާތުގެ ދާހިލީ ވަޒީރު ސުލައިމާނު ސޮއިލޫ ވަނީ ހުސްވި ހަފުތާގެ ތެރޭގައި ދެއްވާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ތުރުކިވިލާތުން ދަނީ 2500 އެއްހާ ހަނގުރާމަވެރިން، އެމީހުންގެ އުފަން ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި ގިނައީ ވިލާތުގެ އިއްތިހާދުގެ މެމްބަރު ގައުމުތަކަށް ނިސްބަތްވާ ހަނގުރާމަވެރިންނެވެ. ތުރުކީވިލާތުގެ 12 ޑިޓެންޝަން ސެންޓަރެއްގައި 813 ހަނގުރާމަވެރިއަކު އެބަތިބި ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ބާކީ ތިބި ހަނގުރާމަވެރިން އަދިވެސް ތިބީ، ތުރުކީވިލާތުން އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާ ސޫރިޔާގެ އިރުއުތުރުގެ ސަރަހައްދުތަކުގައި ކަމަށް ބެލެވެއެވެ.