ލޯބިވެރިޔާ މަރާލިކަމަށް ރަޝިޔާގެ މަޝްހޫރު ތާރީހީ އިލްމުވެރިއަކު އަމިއްލައަށް އިއުތިރާފުވެފައިވާކަން އެނާގެ ވަކީލު ހާމަކޮށްފިއެވެ.

ލޯބިބެރިޔާ މަރާލިކަމަށް، އުމުރުން 63 އަހަރުގެ ޕްރޮފެސާ އޯލެގް ސޮކޮލޯފް އިއުތިރާފުވީ، ކޮނޑުގައި އޮތް ދަބަހަކާއެކު ކޯރެއްގެ ތެރެއަށް ވެއްޓިފައި އޮއްވާ އޭނާ ނަގައިގެން ބަލާ ފާސްކުރިއިރު، އޭނާގެ ލޯބިވެރިޔާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް އެ ދަބަސްތެރެއިން ފެނުނު ހިސާބުންނެވެ.

ރަޝިޔާގެ ތާރީހު އިލްމުވެރިޔާ ޕްރޮެފެސާ އޯލެގް ސޮކޮލޯފް، އުމުރުން އެންމެ 24 އަހަރުގެ ލޯބިވެރިޔާ މަރާލި އެޕާޓްމަންޓް ބަންދުކޮށްފައި/ފޮޓޯ: އޭއެފްޕީ

ރަޝިޔާގެ ސެއިންޓް ޕިޓާޒްބާގްގެ މޮއޮކާ ކޯރު ތެރެއަށް ސޮކޮލޯފް ވެއްޓިފައިވަނީ ލޯބިވެރިޔާ މަރާލުމަށްފަހު އޭނާގެ ހަށިގަނޑުގެ ގުނަވަންތައް ބުރިބުރިކޮށްގެން ކޯރުތެރެއަށް އެއްލާލާ، ނައްތާލުމަށް މަސައްކަތް ކުރަން އުޅުމުގެ ތެރޭގައެވެ. ކޯރަށް އޭނާ ވެއްޓުނުއިރު ސޮކޮލޯފް ހުރީ ރާ ބޮއެ، އަމަލުވެފައިވާ ހާލުގައި ކަމަށްވެސް ޚަބަރު ލިބެއެވެ.

މިއާއެކު ރަޝިޔާގެ ފުލުހުން ފެށި ތަހުގީގުގެ ތެރެއިން ސޮކޮލޯފްގެ ލޯބޮވެރިޔާގެ ހަށިގަނޑުގެ ބައިތައް ޕްރޮފެސަރުގެ ގެއިން ވަނީ ފެނިފައެވެ. ޕްރޮފެސަރު ސޮކޮލޯފްގެ ނަމުން މަޝްހޫރުވެފައިވާ މިމީހާގެ ލޯބިވެރިޔާއަކީ އުމުރުން އެންމެ 24 އަހަރުގެ އެނެސްތާސިއާ ޔެޝްޗެންކޯ ނަމަކަށް ކިއާ ޒުވާނެކެވެ.

ރަޝިޔާގެ ތާރީހު އިލްމުވެރިޔާ ޕްރޮެފެސާ އޯލެގް ސޮކޮލޯފް އަކީ ނަޕޯލިއަން އޭރާގެ ތަޖުރިބާކާރެއް. އޭނާ މަރުވާން ނިންމައިގެން ހުރީވެސް އެގޮތަށް ހެދުން އަޅައިގެން ކަމަށް ބުނެފައިވޭ/ފޮޓޯ: ދި އިންސައިޑާ

ސޮކޮލޯފްއަކީ ފަރަންސޭސި އިނގިލާބީ ހަނގުރާމައިގެ ދުވަސްވަރު އުޅުނު ލީޑަރު ނަޕޯލިއަން ބޮނަޕާޓްގެ ތާރީހަށް ފަރިތަ، ތަޖުރިބާކާރު ޕްރޮފެސަރެކެވެ. އޭނާގެ ކުށަށް އޭނާ އިއުތިރާފުވާއިރު، އެކަމާ މިހާރު އޭނާ ހިތާމަ ކުރާކަމަށްވެސް ސޮކޮލޯފްގެ ވަކީލު ވަނީ ހާމަކޮށްފައެވެ.

ލޯބިވެރިޔާ މަރާލީ ދެމީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރޭގައި ކަމަށާ، އެއަށްފަހު ކީހަކުން އޭނާގެ ބޮލާ، އަތްފައިގެ ގުނަވަންތައް ބުރިކޮށްލީކަމަށް ސޮކޮލޯފް މިހާރު ވަނީ ކިޔައިދީފައެވެ. އެއަށްފަހު ވިސްނާފައި އޮތީ އެ ގުނަވަންތައް ނައްތާލުމަށްފަހު، އާންމުންގެ ކުރިމަތީގައި ނަޕޯލިއަންގެ ގޮތަށް ހެދުން އަޅައިގެން ހުރެ، އަމިއްލަ ފުރާނަވެސް ދުއްވާލަން ކަމަށް ސޮކޮލޯފް ވަނީ ކިޔައިދީފައެވެ.

ޕްރޮފެސާ ސޮކޮލޯފްގެ ލޯބިވެރިޔާއަކީ، މަރާލިއިރުވެސް ޕޯސްޓްގްރެޖުއޭޓް ޑިގްރީ ހާސިލުކުރަމުންދިޔަ ދަރިވަރެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.