އިރާގުގައި މިހާރު ހިންގަމުންދާ ލޭ އޮހުރުވުންތައް ހުއްޓާލާ، ލޭ އޮހުރުވުންތަކުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރެވެންޖެހޭނެ ކަމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލްގެ މިޑްލް އީސްޓް އެންޑް ނޯތް އެފްރިކާ ޑައިރެކްޓާ ހިބާ މުރައްޔިފު ގޮވާލައްވައިފިއެވެ.

އިރާގުގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމުގެ ނަމުގައި އިރާގުގެ ސަރުކާރުން ބާރުގެ ބޭނުން ކުރަމުންދާއިރު، އެކަށީގެން ނުވާ ދަރަޖައަކަށް ބާރުގެ ބޭނުން ކުރަމުންދާ ދިއުން ހުއްޓުމަކަށް ގެންނަންޖެހޭ ކަމަށްވެސް އެމްނެސްޓީގެ ޑައިރެކްޓާ ވަނީ ގޮވާލައްވާފައެވެ.

އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އިރާގުގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާތައް އެއްދުވަހަށްވުރެ އަނެއް ދުވަހު ވަރުގަދަ ކުރަމުންދާއިރު، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ގިނަ ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމޮޝަނުގެ އިސްވެރިޔާއާއި ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮކްޓޯބަރު 1 ވަނަ ދުވަހު ފެށި މުޒާހަރާއާއި ގުޅިގެން ހިންގި އެކި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 319 އަށް އަރައެވެ. އަދި 15000 މީހަކު ޒަހަމްވެފައިވާކަމަށްވެސް ޚަބަރު ލިބެއެވެ. ޒަހަމްވި މީހުންނާ މަރުވި މީހުންގެ ތެރޭގައި ގިނައީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި މީހުން ކަމަށާ، ނަމަވެސް ސަލާމަތީ ބާރުތަކުގެ އޮފިސަރުންވެސް ކޮންމެވެސް ވަރަކަށް ހިމެނޭ ކަމަށް ގާނޫނު ހަދާ މަޖިލީހުގެ އޮފިޝަލާ ހަވާލާދީ އަލް ޖަޒީރާއިން ބުނެއެވެ.

އިރާގު ސަރުކާރުންވަނީ މުޒާހަރާއާއި ގުޅުންހުރި މަރުތަކާ، ޒަހަމްވާ މީހުންގެ ރަސްމީ ތަފާސް ހިސާބުތައް އާންމުކުރުން ހުއްޓާލާފައެވެ.

މުޒާހަރާއިގެ މައިދާންތަކުގައި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ޓީމުތަކުން ބުނި ގޮތުގައި، އިރާގުގެ ސަލާމަތީ ބާރުތަކުން ދަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ލައިވް ވަޒަންވެސް ބޭނުން ކުރަމުންނެވެ.

އިރާގުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންނާ ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުމެއް ހިންގަނީ/ފޮޓޯ: އަހުމަދު ޖާދުﷲ

ސަރުކާރާ ދެކޮޅަށް އިރާގުގެ ރައްޔިތުން ނިކުތީ ސަރުކާރު ކޮރަޕްޓްވެފައިވާ ކަމުގެ ދައުވާއާއިއެކުގައެވެ. އަދި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށާ، އިގުތިސޯދީ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށްވެސް އިރާގުގެ ސަރުކާރު ފެއިލްވެފައިވާކަމަށް އިރާގުގެ ރައްޔިތުން ދަނީ ބުނަމުންނެވެ.

މުޒާހަރާގެ ބައިވެރިންގެ ބައެއް ޑިމާންޑްތަކަށް ބަލާއިރު ސަރުކާރު އިސްތިއުފާ ދިނުމާ، އިރާގުގެ ސިޔާސީ ނިޒާމު އޯވާހޯލްކުރުން ފަދަ ޑިމާންޑްތައް ހިމެނެއެވެ. އިރާގުގެ ރައްޔިތުން ބުނާ ގޮތުގައި އެމެރިކާއިން އިރާގަށް އެރި ފަހުން އެކުލަވަލާފައި އޮތް ސަރުކާރު ހިންގުމުގެ ނިޒާމަކީ ވަކި ބައެއްގެ ނުފޫޒު ގަދަ ކޮށް، ވަކި ގުރޫޕުތަކަކާ ވަކިވަކި ފަރުދުންގެ ބާރާ ނުފޫޒު ގަދަވާ ގޮތަށް އެކުލަވާލާފައި އޮތް ނިޒާމެކެވެ.