ބައިނަލް އަގްވާމީ ގޮތުން ރާއްޖޭގެ ކުޅިވަރުގެ މައިދާނަށް މި ހަފްތާގައި ލިބުނީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މި ހަފްތާތެރޭގައި ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕުން ރާއްޖޭގެ ބޮޑީބިލްޑަރުން ވަނީ ދެ ލޯ މެޑަލް ހޯދާފައެވެ. 55 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީން މުހައްމަދު މޫސާ ލޯ މެޑަލް ހާސިލްކޮށްފައި ވާއިރު، ފިރިހެނުންގެ ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރު ބައިން ލޯ މެޑަލް ހާސިލްކުރި އަޒްނީން ރަޝާދެވެ. އަދި ޕާކިސްތާން މުބާރާތުގެ އަންހެން ޑަބަލްސް ބައިން، ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ ވަނީ ރަން މެޑަލް ހޯދާފައެވެ.
ރާއްޖެއަށް މި ވަނަތައް ހޯއްދެވިކަން ފާހަގަކޮށް ރައީސް ވަނީ މި ހަތަރު ފަރާތަށް މަރުހަބާ ދަންނަވާފައެވެ.
މިއީ ދުނިޔޭގެ މުބާރާތަކުން ރާއްޖޭގެ ބޮޑީ ބިލްޑަރުންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީކަން ފާހަގަކޮށްލެވެއެވެ. މުހައްމަދު މޫސާ ވަނީ މިދިޔަ ޖުލައި މަހު ނޭޕާލުގައި ބޭއްވި ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުން ރާއްޖެއަށް ރަން މެޑަލް ހޯދުމުގެ އިތުރުން ސެޕްޓެމްބަރު މަހު އިންޑޮނީޝިއާގައި އޮތް މުބާރާތުން ހަމަ މި ކެޓަގަރީން ލޯ މެޑަލް ހޯދައިފައެވެ. އަޒްނީން ވެސް ދެކުނު އޭޝިއާ މުބާރާތުން ރަން މެޑަލް ހާސިލްކުރިއިރު، އޭޝިއާ މުބާރާތުން ލިބުނީ ހަތަރު ވަނައެވެ.
ބެޑްމިންޓަން އިން ރަން މެޑަލް ހޯދީ ދެބެއިން ވަނީ ޕާކިސްތާނުގައި ހޯދި ކާމިޔާބީގެ އިތުރުން މީގެ ކުރިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވަނީ ހަތަރު ރިހި މެޑަލް ހޯދާފައެވެ. އެގޮތުން މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ހޯދި މެޑަލާއި ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ މުބާރާތުގައި 2017 އާއި 2018 ވަނަ އަހަރު ހޯދި މެޑަލްގެ އިތުރުން މޮރިޝަސް ބެޑްމިންޓަން ސީރީސްގައި މިދިޔަ އަހަރު ހޯދި މެޑަލް ހިމެނެއެވެ.