މައްސަލަ ބައްލަވާ ފަނޑިޔާރަކަށް ނުފޫޒު ފޯރުވާކަން އެނގިހުރެ، އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަކީ، އެ ފަނޑިޔާރުގެ މައްޗަށް އުފުލޭ ތުހުމަތެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސެއިން ވިދާޅުވެއްޖެއެވެ.

ފާއިޒް މިހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި ހުކުމާ ހަމައަށް ގޮސްފައި ވަނިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރި އިރު، ޔާމީން ޖަލަށް ލާނެ ކަމުގެ ޔަގީންކަން ހޯދަން ސަރުކާގެ އިސް ބައެއް ފަރާތްތަކުން މަސައްކަތް ކުރެއްވި ކަމަށް ގާޒީ ހައިލަމް ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ.

ފާއިޒް ވިދާޅުވީ، އުސޫލުތަކަށް ބަލާއިރު، މައްސަލަ ބައްލަވާ ފަނޑިޔާރަކަށް ނުފޫޒެއް އޮތް ނަމަ، ދެމަގެއް އިހްތިޔާރު ކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އޭގެ ތެރެއިން އެއްގޮތަކީ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނުފޫޒުގެ މައްސަލަ ގެނައުން ކަމަށް ގެނައުމެވެ. ދެވަނަ ގޮތް ކަމުގައި އޭނާ ވިދާޅުވީ ނުފޫޒު ފޯރުވަން އުޅޭ މައްސަލައަކުން ފަނޑިޔާރު ތަނާޒިލު ވުން ކަމަށެވެ.

މަދުން ނަމަވެސް މި ދެގޮތަށް އަމަލުކޮށްފައި ހުރިކަން ފާހަގަ ކުރައްވާ ފާއިޒް ވިދާޅުވީ، ނުފޫޒު ފޯރުވަނީ ބާރުގަދަ ފަރާތަކުން ކަމުގައި ވާނަމަ، ފަނޑިޔާރު އެ މައްސަލައިން ތަނާޒިލުވުން ނޫންގޮތެއް ނޯންނާނެ ކަމަށެވެ. އަދި ނުފޫޒުފޯރުވާކަން އެނގިހުރެ އެކަން ވަންހަނާކޮށް ހުރެ މައްސަލައެއްގެ ޝަރީއަތް ކުރިއަށް ގެންދިއުމަކީ މައްސަލަ ބައްލަވާ ފަނޑިޔާރުގެ މައްޗަށް އުފުލިގެންދާނެ ތުހުމަތެއް ކަމަށާއި، އެއީ އެ ފަނޑިޔާރުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފަނޑިޔާރަކު ތުހުމަތެއްގެ ތުންފަތް މަތީގައި ހުރެ ދިފާއުގައި ކުރާ ތުހުމަތު ވެގެން ދާނީ ހުސް ތުހުމަތަކަށް ކަމަށް ފާއިޒް ވިދާޅުވެފައި ވާއިރު، ރައީސް ޔާމީނަށް ޖަލު ހުކުމެއް އަންނާނެ ކަމުގެ ޔަގީންކަން ހޯދުމަށް ސަރުކާރުގެ އިސްފަރާތްތަކުން މަސައްކަތް ކުރެއްވި ކަމަށް ގާޒީ ހައިލަމް ތުހުމަތު ކުރެއްވީ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާގެ ސުލޫކީ މައްސަލައެއް ބަލަމުން ގެންދަނިކޮށެވެ.

ގާޒީ ހައިލަމް ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސީދާ ގޮތުން މެސެޖު ކުރައްވައިގެންނާއި ގުޅުއްވައިގެން އަދި ދަންނަ ގާތް މީހުން މެދުވެރިކޮށް ޔާމީން ޖަލަށްލުމަށް ހުކުމް ކުރައްވާނެކަމުގެ ކަށަވަރުކަން ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ. އަދި އެކަމުގެ ކަށަވަރުކަން ނުދެއްވާނެ ކަމަށް ވިދާޅުވުމުން ޕޮލިހުގައި އަލްހާނު ފަހުމީއާއި އޭނާގެ މައްސަަލައެއް އޮތް ކަމަށް ވިދާޅުވެ އެ މައްސަލަ ބެލޭނެ ކަމުގެ އިންޒާރު ދެއްވާފައިވާ ކަމަށާއި ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައިވާ ކަމަށް ހައިލަމް ވިދާޅުވެފައި ވެއެވެ. ހައިލަމް ވިދާޅުވީ، އޭނާއާ މެދު ޖޭއެސްސީން ފިޔަވަޅު އަޅައި، ރިޝްވަތުގެ ތުހުމަތުތަކެއްކޮށް އަބުރު ކަތިލަމުން ދަނީ ޔާމީނަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ޔަގީންކަން ނުދިނުމުން ކަމަށެވެ.