ސޫރިޔާގައި ހަނގުރާމަ ކުރުމުގެ ނަމުގައި ދުނިޔޭގެ އެކި ހިސާބުތަކުން އެގައުމަށް އެތެރެވި ހަނގުރާމަވެރިން، އެމީހުންގެ ގައުމުތަކަށް އަނބުރާ ފޮނުވާލުމުގެ މަސައްކަތް، އަންނަ ހަފުތާ ތެރޭގައި ފަށާނެ ކަމުގެ އިންޒާރު، ތުރުކީވިލާތުގެ ދާހިލީ ވަޒީރު ސުލައިމާން ސޮއިލޫ ދެއްވައިފިއެވެ.

ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ސޮއިލޫ ވިދާޅުވީ، ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޓެރަރިސްޓް އައިސިސް ޖަމާއަތާ ގުޅުނު ހަނގުރާމަވެރިން، އެމީހުންގެ އަމިއްލަ ވަޒަނަށް ފޮނުވާލުމުގެ މަސައްކަތް ހޯމަ ދުވަހު ފަށާނެ ކަމަށެވެ.

ބޭރު ގައުމުތަކުން އައިސިސްއާއި ގުޅި ސޫރިޔާއަށް ދިޔަ ހަނގުރާމަވެރިންގެ ރަށްވެހިކަން ބާތިލުކޮށްފައި އޮތް ނަމަވެސް، އެބައެއްގެ ވަޒަނަށް އެބަޔަކު ފޮނުވާލާނެ ކަމުގެ އިންޒާރު ތުރުކީވިލާތުން މީގެ ކުރިންވެސް ވަނީ ދީފައެވެ.

އެލަބޭމާ ދޫކޮށް އައިސިސްއާއި ގުޅުމަށް ސޫރިޔާއަށް ދިޔަ ހުދާ މުތޯނާ/ފޮޓޯ: ޕޯލްމީޚަބަރު

ސޮއިލޫ ވިދާޅުވީ ގޮތުގައި ބޭރުގެ ގައުމުތަކުން އައިސިސްއާއި ގުޅުނު 1200 އެއްހާ ހަނގުރާމަވެރިން ތުރުކީވިލާތުގައި އެބަތިއްބެވެ. މީގެ އިތުރުން ދާދިފަހުން ސޫރިޔާގެ އުތުރުގައި ތުރުކީވިލާތުން ފެށި އަސްކަރީ އޮޕަރޭޝަންގެ ތެރެއިން އިތުރު 287 ހަނގުރާމަވެރިއަކު، ތުރުކީވިލާތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަންވެސް ސޮއިލޫ ވަނީ ހާމަކުރައްވާފައެވެ.

އައިސިސް ޖަމާއަތާ ގުޅުނު މީހުންނަކީ ޓެރަރިސްޓުން ކަމަށާ، އަމިއްލަ ވަޒަނަށް އެމީހުންނަށް އަނބުރާ ނާދެވޭ ގޮތަށް ވިލާތުގެ ބައެއް ގައުމުތަކުން ނިންމާފައިވާއިރު، ތުރުކީވިލާތުން ވަނީ މިކަމަށް ފާޑުކިޔާފައެވެ. ނަމަވެސް ރަށްވެހިކަން ގެއްލިފައިވާ ބަޔަކަށް އެ ވަޒަނަށް އަނބުރާ ފޮނުވާލުމުގެ ގާބިލުކަން ތުރުކީވިލާތަށް ލިބިގެންވާ ކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލުވެސް އުފައްދަމުންނެވެ.