ސޫރިޔާގައި ހަރަކާތްތެރިވަމުންދާ އެހެން ގައުމުތަކުގެ ފައުޖުތަކުން އެ ގައުމުން ފޭބުމުގެ ކުރިން، ތުރުކީވިލާތުގެ އަސްކަރިއްޔާއިން ސޫރިޔާ ދޫކޮށް ނުފައިބާނެ ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

މިއާއެކު އުރުދުޣާންވަނީ، ކުރުދީ ހަނގުރާމަވެރިން ބަލިކުރުމުގެ ނަމުގައި ތުރުކީވިލާތުން ހިންގަމުންދާ އޮޕަރޭޝަންވެސް ހުއްޓުމަކަށް ނުގެންނާނެ ކަމަށް ވިދާޅުވެފައެވެ.

ނޫސްވެރިންނާ މުހާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން އުރުދުގާން ވިދާޅުވީ، ސޫރިޔާގައި އެންމެ ޓެރަރިސްޓަކު ބާކީ ހުއްޓާވެސް ތުރުކީވިލާތުން ސޫރިޔާ ދޫކޮށް ނުފައިބާނެ ކަމަށެވެ.

ސޫރިޔާގެ އިރުއުތުރުގެ ސަރަހައްދުގައި ތުރުކީވިލާތުން އަދިވެސް ދަނީ އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަނަކީ އެ ސަރަހައްދުން އައިސިސްގެ ބާރު ކަނޑުވާލުމަށް އެމެރިކާއަށް އެއްބާރުލުން ދިން ކުރުދީ ހަނގުރާމަ ވެރިން ބަލިކުރުމުގެ ނަމުގައި ތުރުކީވިލާތުން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ. ތުރުކީވިލާތުން ބުނާ ގޮތުގައި ކުރުދީ ހަނގުރާމަވެރިންނަކީވެސް ޓެރަރިސްޓުންނެވެ. އަދި ސޫރިޔާގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ރެފިއުޖީންގެ ގޮތުގައި ތުރުކީވިލާތަށް އެތެރެވި މީހުން އަނބުރާ ސޫރިޔާއަށް ފޮނުވާލަމަށް ގާއިމުކުރާ "ސޭފްޒޯން" މަޝްރޫއު ކާމިޔާބު ކުރުމަށްޓަކައި އެސަރަހައްދުން ކުރުދީ ހަނގުރާމަވެރިން ބާލަންޖެހެއެވެ.