ޓިކްޓޮކްގެ އިތުރު ތައާރަފަކަށް ބޭނުންވާނެ ކަމަކަށް ނުދެކެމެވެ. މިއަދު އެ ޕްލެޓްފޯމު ބޭނުންކުރަމުންދާ ބައި ބިލިއަނެއްހާ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ. މީގެ ބޮޑު ޕަސެންޓް ހިއްސާކުރަނީ އުމުރުން އެންމެ ވިއްސަކަށް އަހަރުގެ ޒުވާނުންނެވެ.

ކުރު މިއުޒިކް ވީޑިއޯ ހިއްސާކުރާ މި އެޕްލިކޭޝަން ވެފައިވަނީ ސޯޝަލް މިޑިއާ ފަތަހަކުރާ އެކި ކަހަލަ މީމްތައް އުފައްދާ ކާރުހަނާއަކަށެވެ.

ކަންމިހެން އޮތްއިރު، ޗައިނާގެ ބައިޓްޑާންސްގެ ޓިކްޓޮކް އެޕްލިކޭޝަންއާއި މެދު ކަންބޮޑުވުން ފާޅުކުރަމުންދާ މީހުންގެ އަދަދަ މަދެކޭ ނުދެންނެވޭނެއެވެ. ކަންބޮޑުވުންފާޅުކުރާ ފަރާތްތަކުގެ ތެރޭގައި ގިނައީވެސް ސިޔާސީ މައިދާންތަކުގެ އިސް ސަފުތަކުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ލީޑަރުންނެވެ. މީގެ އިތުރުން ޓެލެކޮމް އޮޕަރޭޓަރުންވެސް ވަނީ ޓިކްޓޮކް އެޕްލިކޭޝަންގެ ސަލާމަތީ ފީޗާތަކާ މެދު ކަންބޮޑުވުންފާޅުކޮށްފައެވެ.

މިހުރިހާ ކަމެއް މިހެން އޮތްއިރު ޓިކްޓޮކްއަކީ ބައެއް ޒުވާނުން މި ދޭ އިންތިހާ ތަރިހީބު ހައްގު، އަދި ނަފުސު އޭގެ ތެރެއަށް ދޫކޮށްލަން ހަމަ އެއް ރައްކާތެރި އެޕްލިކޭޝަންއެއް ތޯ ދެވަނަ ވިސްނުމަކަށް ދާންޖެހެއެވެ.

ޓިކްޓޮކް މަސައްކަތް ކުރަނީ ކިހިނެއް؟

ޓިކް-ޓޮކް އެޕްލިކޭޝަން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ގެޓީއިމޭޖަޒް

ޒުވާނުން ޓިކްޓޮކް ބޭނުން ކުރަނީ 15 ސިކުންތުގެ ވީޑިއޯކޮޅުތައް ހިއްސާކުރަމަށެވެ. ގިނަ ވީޑިއޯތަކުގައި ހުންނަނީ އެ ސަރަހައްދަކަށް އެންމެ މަގުބޫލު ލަވަތަކަށް ލިޕްސިންކްކޮށްފައެވެ. ނުވަތަ ވީޑިއޯ އެޑިޓްކުރުމުގެ އާދަޔާ ހިލާފު ހުނަރުތަކެއް ދައްކާލާފައެވެ.

އެޕްލިކޭޝަނަށް ވީޑިއޯތައް އަޕްލޯޑްކުރުމަށްފަހު އެމީހެއްގެ އެކައުންޓް ފޮލޯކުރާ ފަރާތްތަކާ ނުދަންނަ މީހުންގެ އެކައުންޓްތަކަށްވެސް އެ ވީޑިއޯ ފެންނަ ގޮތް ހަދާލެވެއެވެ. އެޕްލިކޭޝަންގެ ޑީފޯލްޓް ސެޓިންގް އޮންނަނީ އެންމެނަށްވެސް ފެންނާނެހެން ޕަބްލިކްކޮށެވެ. ނަމަވެސް ހުއްދަދޭ ވަކި ބަޔަކަށް މަންޒަރުތައް ފެންނަ ގޮތަށް ރިސްޓްރިކްޓް ކުރުމުގެ ފުރުސަތުވެސް އޮވެއެވެ.

ޓިކްޓޮކް އެޕްލިކޭޝަންގެ ސޮފްޓްވެއާ ފަރުމާކޮށްފައި ވާ ގޮތުން، އެޕްލިކޭޝަން ބޭނުން ކުރާ ޔޫޒާއެއް އެންމެ އާންމުކޮށް ބޭނުންކުރާ ނުވަތަ ގަޔާވާގެން ބަލާ ޒާތުގެ ވީޑިއޯ ކްލިޕްތައް އެމީހަކަށް އެއްކޮށްދެއެވެ. ވީޑިއޯއަކަށް ފަހު ވީޑިއޯއެއް ޕްލޭވެއެވެ. މި އަވާގައި ޖެހިފައި އިންއިރު ވަގުތު ފާއިތުވެގެން ދާ ގޮތްވެސް ނޭނގޭ ކަމަށް ބައެއް މީހުން ބުނެއެވެ. މީގެ އިތުރުން ވަކި ސުރުހީތަކެއް ޖަހައިގެން ވީޑިއޯ ބަލާލުމުގެ ފުރުސަތުވެސް އެޕްލިކޭޝަނުން ފޯރުކޮށްދެއެވެ. އަދި ހޭޝްޓެގްތަކަށް ފިތައިގެންވެސް އިތުރު ވީޑިއޯތައް ބަލާލެވެއެވެ.

ޓިކްޓޮކް އެޕްލިކޭޝަން މެދުވެރިކޮށް ޕްރައިވެޓް މެސެޖުވެސް ފޮނުވެއެވެ. ނަމަވެސް މިކަން އޮންނަނީ "ފްރެންޑްސް"ގެ ގޮތުގައި އެކައުންޓްއަށް އެޑްކޮށްފައިވާ މީހުންގެ މެދުގައި އެކަންޏެވެ.

އުމުރުން 13 އަހަރުގެ ކޮންމެ ކުއްޖަކަށްވެސް ޓިކްޓޮކް ބޭނުން ކުރުމުގެ ފުރުސަތު އޮވެއެވެ. އަދި ބެލެނިވެރިންނަށް ވަކި ކޮންޓްރޯލްތަކެއްވެސް ދެއެވެ.

ޓިކްޓޮކް ޕްލެޓްފޯމްގައި މިއަދު ތިބި ގިނަ މީހުންނަކީ އެމެރިކާއިން ތައާރަފުކުރި 'މިއުޒިކަލް.ލީ' އެޕްލިކޭޝަން ޑައުންލޯޑްކޮށްގެން ބޭނުންކުރަން ފެށީ މީހުންނެވެ. މިމީހުން ޓިކްޓޮކްގެ ދަށަށް ދާންޖެހުނީ ބައިޓްޑާންސްއިން 2017 ވަނަ އަހަރު 'މިއުޒިކަލް.ލީ' ގަތް ހިސާބުންނެވެ. ބައިޓްޑާންސްގެ އާއިލާގެ އެހެން އެޕްލިކޭޝަނެއްވެސް ދައުރުވެއެވެ. އެއީ 'ޑޫޔިން' ނަމަކަށް ކިއާ އެޕެކެވެ. މިއީ ޗައިނާގެ ގާނޫނުތަކަށް ފެތޭ ގޮތަށް ހިންގާ އެޕްލިކޭޝަނެކެވެ.

ބައިޓްޑާންސްއަކީ ގާނޫނީ ބޮޑެތި މައްސަލަތަކެއްގައި ބެދިފައިވާ ކުންފުންޏެކެވެ. އިންޑިއާގައި ވަގުތީ އަމުރެއްގެ ދަށުން ދުވަސްތަކެއް ވަންދެން ޓިކްޓޮކް މަނާކޮށްފައި އޮތްއިރު، އުމުރާ ނުގުޅޭ މަންޒަރުތަކެއް ހިމަނައިގެން ކުޑަކުދިންނަށް ފުރައްސާރަ ކުރި މައްސަލައެއްގައި އެމެރިކާއިންވަނީ އެތައް މިލިއަން ޑޮލަރަކުން ބައިޓްޑާންސް ޖޫރިމަނާވެސް ކޮށްފައެވެ.

ޓިކްޓޮކްއާއި މެދު ކަންބޮޑުވާންވީ ކީއްވެ؟

ޓިކްޓޮކް އެޕްލިކޭޝަނަށް ފާޑުކިއާ ފަރާތްތަކުން ބުނާ ގޮތުގައި މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ އެކައުންޓް ބޭނުން ކުރާ ފަރާތްތަކަށް ޒާތީ ސިއްރު ނުހިފެހެއްޓއޭ ފަދަ ގޮތަކަށެވެ. މީގެ އިތުރުން ޓިކްޓޮކްގައި އާންމުކުރާ ވީޑިއޯތައް ސެންސަރު ކުރެވޭނެ ގޮތެއްވެސް ނޯންނަކަމީ ހިތާމަ ހުރި ކަމެކެވެ.

ބަދު އަހުލާގީ އަމަލުތައް ހިންގުމާ އެނޫންވެސް އެފަދަ ފާހިޝް އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް މި އެޕްލިކޭޝަންގައި އަބަދުވެސް ދައުރުވެއެވެ. ސީޔާސީ ކޯޅުންތަކާ ބަހުސްތައްވެސް ވަކި އިމެއް ނެތި ދައުރުކުރެއެވެ.

ކަންމިހެން އޮތްއިރު، ޓިކްޓިކް އެޕްލިކޭޝަނަކީ ޗައިނާގެ ކޮމިއުނިސްޓް ސަރުކާރަށް ފާރަލާދޭ އެޕެއްކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. މިއީ އެމެރިކާގެ އެންމެ ނުތަނަވަސްކަމަށް ވާއިރު ޓިކްޓޮކްގެ ކުރިމަގާ މެދު ސުވާލުތަކެއް ވަނީ އުފެދިފައެވެ. މިކަން މިގޮތުގައި އޮންނަން ވެއްޖެނަމަ އެމެރިކާއިން ޓިކްޓޮކް އެޕްލިކޭޝަން ބޭނުން ނުކުރެވޭ ގޮތް ހެދުން އެކަށީގެންވެއެވެ. މިއާއެކު އެ އެޕްލިކޭޝަން އެންމެ ބޮޑު އެއް ޔޫޒާ-ބޭސް ގެއްލިގެންދާނެއެވެ. މީގެ އިތުރުން ޓިކްޓޮކް ވިއްކާލުމަށް ބައިޓްޑާންސްއަށް މަޖުބޫރުވުން ގާތްކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. މިވަރުންވެސް ޓިކްޓޮކްއަށް އިތުރުބާރު ކުރަންވީހެއްޔެވެ؟