ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ކުރިޔަށްދާގޮތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައްލަވާލައްވައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ރައީސް މިއަދު މެންދުރުފަހު އެއާޕޯޓަށް ކުރެއްވި ޒިޔާރަތުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރަމުންދާ ސީ ޕްލޭން ޓާމިނަލްގެ މަސައްކަތާއި، ސީޕްލޭން މެއިންޓަނަންސް ރޭމްޕް، އެއާޕޯޓުގެ އައު ޕަސެންޖަރު ޓާމިނަލާއި އައު އޭޕްރަންއަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ބައްލަވާލެއްވިއެވެ.

މީގެ އިތުރުން އައު ކާގޯ އޭރިޔާއަށް ޒިޔާރަތްކުރައްވައި އެ ތަނުގެ މަސައްކަތްތައްވެސް ރައީސް ބައްލަވާލެއްވިއެވެ.

އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް މިހާރު ގާތްގަނަޑަކަށް ވަނީ ނިމިފައެވެ. މިހާރު ޓާމިނަލުގައި ކުރަމުންދަނީ އިމާރާތުގެ ކަރަންޓް ވަޔަރުކުރުމާއި، ފިޔުލް ޕައިޕްލައިންތައް ހަރުކުރުމުގެ އިތުރުން އިންޓީރިއާ ފިނިޝިންގެ މަސައްކަތް އަދި އިމާރާތުގެ ބޭރުން ފަސާޑު ހެދުމުގެ މަސައްކަތެވެ.