ރައީސް އަބްދުﷲ ޔާމީނުގެ ޝަރީއަތުގައި ހުކުމާ ހަމައަށް ގޮސްފައި ވަނިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރި އިރު، ޔާމީން ޖަލަށް ލާނެ ކަމުގެ ޔަގީންކަން ހޯދަން ސަރުކާގެ އިސް ބައެއް ފަރާތްތަކުން ގުޅިކަމަށް އޭނާ ވިދާޅުވެއްޖެއެވެެ.

އޭނާ މިއަދު ނެރުއްވި 3 ސޮފްހާގެ ބަޔާނެއްގައި ބުނީ، އެ އޮފިޝަލުން ގުޅާ އިންޒާރު ދީ ބިރުވެސް ދެއްކި ކަމަށެވެ. އޭނާ ނެރުއްވި ބަޔާނުގައި، އޭނާއާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފިޔަވަޅު އަޅައި، ރިޝްވަތުގެ ތުހުމަތުތަކެއްކޮށް އަބުރު ކަތިލަމުން ދަނީ ޔާމީނަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ޔަގީންކަން ނުދިނުމުން ކަމަށް ބުނެފައިވެއެވެ.

ހަމައެއާއެކު ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅޫން ސީދާ ގޮތުން މެސެޖުކުރައްވައިގެންނާއި ގުޅުއްވައިގެން އަދި ހައިލަމް ދަންނަ ގާތް މީހުން މެދުވެރިކޮށް ޔާމީން ޖަލަށްލުމަށް ހުކުމް ކުރާނެކަމުގެ ކަށަވަރުކަން ދިނުމަސް އެދިވަޑައިގެންފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ. އަދި އެކަމުގެ ކަށާވަރުކަން ނުދެއްވާނެ ކަމަށް ވިދާޅުވުމުން ޕޮލިހުގައި އަލްހާނު ފަހުމީއާއި އޭނާގެ މައްސަަލައެއް އޮތް ކަމަށް ވިދާޅުވެ އެ މައްސަލަ ބެލޭނެ ކަމުގެ އިންޒާރު ދެއްވާފައިވާ ކަމަށާއި ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައިވާ ކަމަށް ހައިލަމް ވިދާޅުވިއެވެ.

އަލްހާނާއި ހައިލަމްއާ ދެމެދު އޮތް ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ހައިލަމް ވިދާޅުވީ، އަލްހާން މަޖިލިސް މެންބަރަކަށް ވުމުގެ މާ ކުރިންވެސް އެ ދެބޭފުޅުންނަކީ ވަރަށް ގާތް ރަހްމަތްތެރިން ކަމަށެވެ. ހައިލަމް ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރާއިރު އަލްހާނަކީ އެއްވެސް ކަމެއްގައި އެއްވެސް ހައިސިއްޔަތަކުން ކްރިމިނަލް ކޯޓަށް ވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި އަދި އޭނާއާ ދެމެދު އޮންނަ ގާތް ގުޅުމެއްގެ ސަބަބުން އަލްހާނުގެ މައްސަލައެއް އޭނާއަށް ނުބެއްލެވޭނެ ކަމަށާއި ބައްލަވާފައި ނުވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

އަދި އަލްހާނާއި ހައިލަމްގެ މައްސަލައެއް ޕޮލިހުގައި އޮތް ކަމަށް ބުނާ މައްސަލައަށް އިށާރާތްކުރައްވަމުން އޭނަ ވިދާޅުވީ، 19 މެއި 2019 ގެ ޓްރާނސެކްޗަނާ ގުޅިގެން އެކަމުގެ ތަފްސީލު ފުލުހަށް ދެއްވާފައި ވާނެ ކަމަށާއި އޭގައި ޖީނާއީ އެއްވެސް މައްސަލައެއް ނުހިމެނޭތީ އެ މައްސަލަ އޭރު ވަނީ ފުލުހުން ނުބަލަން ނިންމާފައި ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ހައިލަމް ވިދާޅުވީ، ފަނޑިޔާރު ބަލަމުންދާ މައްސަލައެއްގައި ކުރާނެ ހުކުމް ސަރުކާރުގެ އޮފިޝަލުންނަށް އެނގޭކަށް ނުޖެހޭނެ ކަމަށާއި އަދި އެއީ ކިތަންމެ މަތީ މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމުގައި ވިޔަސް އެނގެން ނުޖެހޭނެ ކަމަށެވެ.

މި ބަޔާނުގައި ޖޭއެސްސީގެ އިސް މެންބަރުންނަށް ހައިލަމް ވަނީ ސުވާލު ކުރައްވާފައެވެ. އެގޮތުން ވަކި ފަރާތެއް ޖަލަށް ލާނެކަމުގެ ކަށަވަރުކަން ނުލިބުމުން ފަނޑިޔާރަކު ފަހާދުވަންވާނީ ވެސް ޖޭއެސްސީގެ މުއައްސަސާގެ ހުރުމަތުން ކޮންމެވެސް މިންވަރެއް ނަމަވެސް ބާކީ އޮންނާނެ ގޮތަކަށް ވިސްނާލާފައި ނޫން ތޯ ހައިލަމް އެއްސެވިއެވެ.

މީގެ އިތުރުން ހައިލަމް ވިދާޅުވީ، ސަރުކާރުގެ ވަޒީރުންގެ ތެރެއިން، ކުރީގެ އަދި މިހާރުގެ މަޖިލިސް މެންބަރުންގެ އަތުން ފައިސާ ނެގުން ދީނީ ގޮތުންނާއި ގާނޫނީ ގޮތުން ހައްގުވާ ފަރާތްތައް އެބަ ތިއްބެވި ކަމަށެވެ. އަދި ސަރުކާރުގެ މަގާމެއްގައި ހުރި ހަމަ ކޮންމެ ފަރާތެއްގެ ބޭންކް އެކައުންޓް ބަލައިފިނަމަ ހަމަ ކޮންމެ މީހެއްގެ އެކައުންޓުގައި ވެސް އޭނާގެ ގާތް މީހުން އެކި ކަންކަމުގައި ބަދަލުކޮށްފައި ހުންނަ ފައިސާގެ މުއާމަލާތް ފެންނަން ހުންނާނެ ކަމަށެވެ.

ނޮވެމްބަރު 3 ވަނަ ދުވަހު ރަނގަޅަށް ބައްލަވާ ނުލައްވާ އިޖުތިމާއީ ގުރޫޕަކަށް ކުރެއްވުނު ޕޯސްތަކީ ވަރަށް ވެސް ހިތާމަވެރިކޮށް ހިނގި ކަމެއް ކަމަށާއި އެކަމަށްޓަކައި އަދިވެސް އެއްފަހަރު ރައްޔިތުންގެ ކިބައިން އޭނާ މައާފަށް އެދިވަޑައިގެންފައި ވެއެވެ.