ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ނަމުގައި ބަޔަކު ފޭކް ކޯލްތަކެއް ކުރާތީ ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސް ކޮށްފިއެވެ.

އެސްޓީއޯން ބުނިީ، އެސްޓިއޯގެ ނަމުގައި އާންމުންގެ ފޯނު ނަންބަރުތަކަށް ގުޅާ އެސްޓީއޯގެ ޕްރޮމޯޝަންގައި ބައިވެރިވުމަށް ވަކި ފޯނު ނަންބަރުތަކަކަށް ރީލޯޑުކޮށް، ފައިސާ ޖަމާ ކުރުމަށް އެދެމުންދާ ކަމަށާއި އަދި އިނާމެއް ހަވާލުކުރަން އޮތް ކަމުގައި ބުނަމުންދާކަމުގެ މައުލޫމާތު އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ.

އެސްޓީއޯން ބުނީ، ކަސްޓަމަރުން ރިލޯޑް ކޮށްގެން އިނާމު ލިބޭފަދަ ޕްރޮމޯޝަނެއް އެސްޓީއޯއިން އެއްވެސް އިރެއްގައި ނުހިންގާ ކަމަށެވެ. އަދި ޕްރޮމޯޝަނެއްގައި ބައިވެރިވެ، އިނާމެއް ހަވާލު ކުރުމަށް އެސްޓީއޯ އިން ކަސްޓަމަރުންނަށް އަބަދުވެސް ގުޅަމުންދާނީ އެސްޓީއޯގެ ރަސްމީ ލޭންޑް ލައިން ނަންބަރުތަކުން ކަމަށް އެ ކުންފުނިން ބުނެއެވެ. އެކުންފުނިން ވަނީ މިފަދަ ފޯނު ކޯލުތަކަށް އާންމުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އެސްޓީއޯ، ބީއެމްއެލް ފަދަ ބޮޑެތި ކުންފުނިތަކުގައި މިހާރަކަށް އައިސް ކުރާ މިފަދަ ފޯނު ކޯލުތައް ދަނީ ގިނަ ވަމުންނެވެ.

އެގޮތުން ބީއެމްއެލްގެ ނަމުގައި މީހުންނަށް ގުޅާ، އޮޅުވާލައިގެން ކޭޝް ކާޑުގެ މައުލޫމާތުތައް ހޯދުމާއި، ފައިސާ ހޯދުމް ފަދަ ކަންކަން ވެސް ބައެއް ފަރާތްތަކުން ކުރެއެވެ. މިހާރުވެސް ދޭތެރެ ދޭތެރެއިން ކޭޝް ކާޑުގެ މައުލޫމާތު ހޯދަން އެކި މީސްމީހުނަށް ގުޅާކަން ފާހަގަ ކުރެވެއެވެ.

މިގޮތަށް ފޯނު ކުރާ ފަރާތަކީ ތަކުރާރުކޮށް އެކަން ކުރަމުން އަންނަ ފަރާތެއް ކަމާއި، އޭނާއާ ބެހޭ މައުލޫމާތާއި ނަންބަރު އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައި ހިއްސާކުރި ނަމަވެސް ފުލުހުންނަށް އެމީހާ ހޯދިފައެއް ނުވެއެވެ.