އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމާ ބެހޭގޮތުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓް ރައީސް ސޯލިހަށް އަރުވައިފިއެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ރިޕޯޓް ރައީސް ސޯލިހަށް އަރުވާފައިވާއިރު، މި މައްސަލާގައި މިހާތަނަށް ހިންގި ތަހުގީގުތަކުން އެއްވެސް ނަތީޖާއެއް ނެރެވިފައި ނުވާތީ ދެން ވެސް އިންސާފު ލިބިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާގެ އާއިލާ އިން ބުނުމާ ގުޅިގެން މަރު ކޮމިޝަނުގެ ރައީސް، ހުސްނުއްސުއޫދު ވަނީ، ޑރ. އަފްރާޝީމް އަވަހާރަކޮށްލި މީހުންގެ މައުލޫމާތު ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އާންމު ކުރައްވާނެ ކަމަށް މިދިޔަ އޮކްޓޯބަރު މަހު 2 ވަނަ ދުވަހު ވިދާޅުވެފައެވެ.
ނަމަވެސް، ސުއޫދު މިފަދައިން ވިދާޅުވިތާ މަހަކަށް ވުރެ ގިނަ ދުވަސް ވީއިރުވެސް އެ މައުލޫމާތެއް ހާމަކުރައްވާފައި ނުވާތީ 'ދަ ޕްރެސް' އިން ސުވާލު ކުރުމުން ސުއޫދު ވަނީ މި މައްސަލައިގެ ރިޕޯޓް ތައްޔާރު ކުރަމުންދާ ކަމަށާއި، ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މަރު ކޮމިޝަނުގެ ތަހުގީގަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަދި އޭރުގެ ޕޮލިސް ކޮމިޝަނާ އަބްދުﷲ ރިޔާޒް ވަނީ އޭނާއަށް ލިބިވަޑައިގެންފައިވާ ހުރިހާ މައުލޫމާތެއް މަރު ކޮމިޝަނާއި ހިއްސާ ކުރައްވާފައެވެ.
ޑރ. އަފްރާޝީމްގެ މަރަށް އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ބުނެފައިވާ ގޮތުގައި އަފްރާޝީމްގެ މަރުގެ ފަހަތުގައި ވެސް ތިބި މީހުން މިހާރު ހޯދާފައިވާ ކަމަށެވެ. އަދި އެ ތަހުގީގާ ގުޅޭ ރިޕޯޓެއް ރައީސް ސޯލިހާ މިހާރު ހިއްސާކޮށްފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެއެވެ.
އަފްރާޝީމް އަވަހާރަކޮށްލީ 2012 ވަނަ އަހަރު ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު، ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައި ކަތިވަޅި އަކުން ބޮލާއި ގައިގެ އެކި ތަންތަނަށް ހަމަލާދީއެވެ.