އެކުވެރި އަރަބި އިމާރާތުގެ އެއްބާރުލުމާއެކު ޔަމަނުގައި ހަރަކާތްތެރިވަމުންދާ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތާ، ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ ޔަމަނުގެ މައި ސަރުކާރާ ދެމެދު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
ހަމަލާ ބަދަލުކުރުންތައް ހުއްޓާލާ، ބާރުތައް ހިއްސާކުރުމަށް މަގުފަހިކުރާ ގޮތަށް އެކުލަވާލި މި އެއްބަސްވުމަކީ ލޭ އޮހުރުވުމަކަށް ބަދަލުވެފައިވާ ޔަމަނުގެ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެގޮތުގައި ސައުދީ އަރަބިއްޔާގެ ނުފޫޒުގަދަ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް) ވަނީ ސިފަކުރައްވާފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ސައުދީގެ ވެރިރަށް ރިޔާދުގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްބީއެސް ވިދާޅުވީ، މި އެއްބަސްވުމަކީ ޔަމަނަށް ހަމަޖެހުން ގެންނަނިވި އާ ދައުރެއްގެ ފެށުން ކަމަށާ ޔަމަނުގައި ހަނގުރާމަ ކުރަމުންދިޔަ ދެ ބަޔަކު ސުލްހަވި ކަމަށްޓަކައި އުފާކުރައްވާކަމަށެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމާއެކު ޔަމަނުގެ ސަރުކާރަށް ބަދަލުތަކެއް ގެންނަންޖެހެއެވެ. އެގޮތުން ވަކިވެގަތުމަށް މަސައްކަތްކުރަމުންދާ ޖަމާއަތުގެ މެމްބަރުންނަށްވެސް ސަރުކާރުން ފުރުސަތު ދޭން ޖެހެއެވެ. މިއާއެކު އެ ޖަމާއަތަށް އެއްބާރުލުން ދިން އަސްކަރީ ގޮފިތަކަކީ މައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންދަންޖެހޭ ގޮފިތަކެއް ކަމުގައިވެއެވެ. އަސްކަރީ އަދި ސަލާމަތީ ބާރުތައް އެއްކޮށް ދިފާއީ އަދި ދާހިލީ ވުޒާރާތަކުގެ ދަށަށް ގެންދިއުމަށްވެސް މި އެއްބަސްވުން ލާޒިމުކުރެއެވެ.
ޔަމަނުގެ މަސްރަހު ދިރާސާ ކުރަމުންދާ ސިޔާސީ މުރާސިލުން ބުނާ ގިތުގައި މި އެއްބަސްވުން ތަންފީޒު ކުރެވިއްޖެ ނަމަ ހައްލު ލިބިގެންދާނީ ކުރުމުއްދަތުގެ މައްސަލަތަކަކަށެވެ. އެގޮތުން ހަނގުރާމައެއްގެ ތެރެއިން އުފެދުނު އިތުރު ހަނގުރާމައެއް ހުއްޓުމަކަށް އަންނާނެއެވެ.
އދއިންވެސް ވަނީ ޔަމަނުގެ މި އެއްބަސްވުމަށް މަރުހަބާ ކިޔާފައެވެ.
ކަންމިހެން އޮތްއިރު، ހުތީންނާ ދެކޮޅަށް ކުރަމުންދަނީ އަދި ވަކި ހަނގުރާމައެއްކަން ފާހަގަކުރަންޖެހެއެވެ.
ސައުދީ އިސްވެ އޮވެގެން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ އަސްކަރީ ކޯލިޝަނުންވެސް ހަނގުރާމަ ކުރަމުންދަނީ ހޫތީންނާ ދެކޮޅަށެވެ. ހޫތީން ހަނގުރާމަ ކުރަމުންދަނީ ޔަމަނުގެ މައި ސަރުކާރާ ދެކޮޅަށެވެ. މިހަނގުރާމާގައި އެތައް ހާސް ބައެއްގެ ފުރާނަ ގެއްލިފައިވާ އެތައް މިލިއަން ބަޔަކު ވަނީ ހާލުގައިޖެހި، އިންތިހާ ބަނޑުހައިހޫނުކަމުގެ ތުންފަތް މައްޗަށް ވައްޓާލަފައެވެ.