ބިމު އަޑީގައި އަޅާފައިވާ ނިއުކްލިއާ ޕްލާންޓެއްގައި ޔުރޭނިއަމް ފައްކާ ކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ އިއުލާން ކުރައްވައިފިއެވެ.
މިއީ އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާ އީރާނާ ދެމެދު 2015 ވަނަ އަހަރު އެކުލަވާލި ސުލްހައިގެ އެއްބަސްވުން ދެމެހެއްޓުމާ ދުރަށް ދިއުމަށް އީރާނުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ކަމަށް މުރާސިލުން ސިފަކުރެއެވެ.
2015 ވަނަ އަހަރުގެ އެއްބަސްވުން ބުނާ ގޮތުގައި ފޯޑޯ ނިއުކްލިއާ ޕްލާންޓްގައި މަސައްކަތް ކުރިއަށް ގެންދިއުން އޮންނަންޖެހޭނީ ސަސްޕެންޑްކޮށްފައެވެ. މިއީ އީރާނާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ތަންފީޒުކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުން ލުޔެއް ބޭނުން ނަމަ އެގައުމުން ތަންފީޒުކުރުން ލާޒިމު ކަމެކެވެ.
ކަންމިހެން އޮތް ނަމަވެސް 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އެމެރިކާއިން ނިއުކްލިއާ އެއްބަސްވުން ދޫކޮށްލުމާއެކު އީރާނުގެ ރާގު ބަދަލުވިއެވެ. އަދި މިއަހަރުގެ މެއި މަހުން ފަށައިގެން އީރާނުން ދަނީ މި އެއްބަސްވުމާ ދުރަށްޖެހުމަށް އެ ގައުމުން މަސައްކަތް ކުރާ ކަމުގެ އެކި އިންޒާރުތަކާ ސިގުނަލްތައް ދެމުންނެވެ.
އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކުރައްވާ ދުރަށް ފޮނުވި ތަގުރީރެއްގައި ރޫހާނީ ވިދާޅުވީ މާދަމާއިން ފެށިގެން ފޯޑޯ ނިއުކްލިއާ ޕްލާންޓްގެ 1000 ސެންޓްރަފިއުޖަށް ޔުރޭނިއަމް އިންޖެކްޓް ކުރުމުގެ މަސައްކަތް އެގައުމުން ފަށާނެ ކަމަށެވެ.
އީރާނުން ބުނާ ގޮތުގައި އެ ގައުމުން މިމަސައްކަތް ކުރިއަށް ގެންދާނީ އެޓޮމިކް ހަކަތަޔާއި ބެހޭ ބައިނަލްއަގުވާމީ އިދާރާ (އައިއޭއީއޭ)ގެ ހާޒިރުގައެވެ.
2015 ވަނަ އަހަރުގެ ސުލްހައިގެ އެއްބަސްވުމުން އެމެރިކާ ވަކިވުމަށްފަހު އީރާނާ ދެކޮޅަށް ތަންފީޒުކުރަމުންދާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކާއެކު އީރާނާ ކުރިމަތިލާންޖެހިފައިވާ ތަކުލީފުތަކަށް ހައްލު ހޯދާދިނުމަށް ވިލާތުގެ ބާރުތަކުން ފެއިލްވަމުންދާކަމަށް ވަނީ ނަމަ، އީރާނުންވެސް އެއްބަސްވުން ދޫކޮށްލާނެ ކަމުގެ އިންޒާރު އެ ގައުމުން ވަނީ ދީފައެވެ.
އެމެރިކާ ފަދަ ބޮޑެތި ބާރުތަކުން ސިފަކުރާ ގޮތުގައި އީރާނުގެ ނިއުކްލިއާ މަޝްރޫއަކީ އެގައުމުން އަސްކަރީ ބާރުވެރިކަން ހޯދުމަށް ކުރިއަށް ގެންދާ ނުރައްކާތެރި މަޝްރޫއެކެވެ. ނަމަވެސް އީރާނުން ބުނާ ގޮތުގައި އެގައުމުގެ ނިއުކްލިއާ މަޝްރޫއަކީ މަދަނީ ބޭނުންތަކަކަށްޓަކައި ކުރިއަށް ގެންދާ ސުލްހަވެރި މަޝްރޫއެކެވެ.