ޖުޑީޝިލް ސާވިސް ކޮމިޝަން (ޖޭއެސްސީން) މާ ކުރިންވެސް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ހައިލަމްގެ ކަރަށް "މަޅި ފައްތާފަައިވާ" ކަމަށް ބުނެ ޖޭއެސްސީން ހައިލަމް ސަސްޕެންޑު ކުރަން ނިންމި ނިންމުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ފާޑުކިޔައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ ހައިލަމް ސަސްޕެންޑުކޮށް މިއަދު އޮތް ހުކުމް އިއްވުމުގެ ޝަރީއަތް ކެންސަލް ކުރުމުން އެ ދައުވާއަކީ ޔާމީނުގެ މައްޗަށް ކުރާ ސިޔާސީ ދައުވާއެއްކަން ވަރަށް ރަނގަޅަށް ސާފުވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ، ރައީސް ޔާމީނުގެ މައްޗަށް މިއަދު ހުކުމް އިއްވަން ކަނޑައަޅާފައި ވާއިރު، އެ ޝަރީއަތް ހިންގާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ މިއަދު ޖޭއެސްސީއިން ސަސްޕެންޑް ކޮށްފައި ވަނީ އެ ބޭފުޅުން [ސަރުކާރުން] ބޭނުންވާ ގޮތަކަށް ރައީސް ޔާމީނުގެ ޝަރީއަތް ނިންމުމަށް ކަމަށެވެ.

"ފަނޑިޔާރު ހައިލަމްގެ ކަރރަށް އެ މަޅިގަނޑު އެއްލައިގެން ދަމާލަ ދަމާލަތިބީ މިއަދާ ހަމައަށް އަންނަންދެން. އެބޭފުޅުން މަސައްކަތްކުރެއްވީ އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ އެބޭފުޅުން ބޭނުންވާ ގޮތަކަށް ރައީސް ޔާމީނުގެ ޝަރީއަތް ނިންމަން. އެގޮތަށް މަސައްކަތްކޮށް މިއަދާއި ހަމައަށް އައިއިރު އެބޭފުޅުން ބޭނުންވާ ނަތީޖާ ނިކުމެދާނެކަމުގެ ޔަގީންކަން އެބޭފުޅުންނަށް ލިބިވަޑައިނުގެންވީމަކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ މިއަދު ކުއްލިއަކަށް ފަނޑިޔާރު ހައިލަމް ސަސްޕެންޑްކުރީ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މީގެ ދެތިން ދުވަސް ކުރިންވެސް ފަނޑިޔާރު ހައިލަމްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް އެ މައްސަލަ އޭރު ބަލާފައި ނުވާއިރު އެކަމުގައި ފިޔަވަޅެއްވެސް އަޅާފައި ނުވާ ކަމަށެވެ. އަދި ސުލޫކީ މައްސަލައެއް ހުށަހެޅުމާއެކު އެކަން ވަގުތުން ބަލަން ޖެހޭކަން ފާހަގަކުރައްވާ އަދުރޭ ވިދާޅުވީ އެ މައްސަލަ ތަހުގީގު ނުކޮށް ކުއްލިއަކަށް މިއަދު ޖޭއެސްސީން ގާޒީ ހައިލަމްގެ މައްޗަށް ފިޔަވަޅު އެޅީ ރައީސް ޔާމީނުގެ ޝަރީއަތަށް ނުފޫޒު ފޯރުމަށް ކަމަށެވެ.

އަދުރޭ ވިދާޅުވީ މިހާރު ގައުމު މިއޮތް ހާލަތުން ސަލާމަތް ކުރުމުގައި އުއްތަމަ ފަނޑިޔާރުގެ ރޯލު ވަކި ކުޑައެއް ނުވާނެ ކަމަށެވެ. އެގޮތުން ގައުމު މިހާރު އޮތް ހާލަތުން ސަލާމަތްކުރަން އުއްތަމަ ފަނޑިޔާރު ޒިންމާ އަދާކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް އަދުރޭގެ ވާހަކަގައި ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިހާރު ރާއްޖޭގައި މިއޮތް ސަރުކާރުން އިސްލާމްދީނާވެސް ހިލާފުވެފައިވާ ކަމަށާއި އެ މައްސަލައަކީ ބަލަން ޖެހޭނެ މައްސަލައެއް ކަމަށެވެ.

"ގާނޫނުއަސާސީއާއި ހިލާފް ވެގެން އުޅޭ މައްސަލަ އުއްތަމަ ފަނޑިޔާރު އަމިއްލައަށް އިސްނަގައިގެން ބަލަން ޖެހޭ" އަދުރޭ ވިދާޅުވިއެވެ.

ގާޒީ ހައިލަމް ސަސްޕެންޑް ކުރަން ނިންމީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ.

ގާޒީ ހައިލަމްއާ ގުޅޭގޮތުން ޖޭއެސްސީން މައްސަލައެއް ބަލަން ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

ޖޭއެސްސީން ބުނީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލާގައި ކަންތައްތައް ހިނގާދިޔަ ގޮތް ރޭ ނެރުނު ނޫސްބަޔާނުގައި ވަރަށް ތަފްސީލުކޮށް ބުނެފައިވާނެ ކަމާއި އަދި އެއީ މައްސަލައާ ގުޅޭ ގޮތުން ކޮމިޝަނަށް ވެސް ދޭން ބޭނުންވާ މައުލޫމާތު ކަމަށް ވިދާޅުވެ ކޮމިޝަނަށް މިއަދު ހާޒިރުވާން އުޒުރުވެރިވާކަން ހާމަކޮށް ގާޒީ ހައިލަމް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

ނަމަވެސް ކޮމިޝަނަށް ހާޒިރު ނުވުމަށް ގާޒީ ހައިލަމް ދެއްވާފައިވާ އެ ސަބަބަކީ މަގުބޫލު ސަބަބެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ޖޭއެސްސީން ބުނެއެވެ.

ހައިލަމް ސަސްޕެންޑްކުރަން ނިންމީ މައްސަލައިގެ ބާވަތުން ތަހުގީގު ހިނގަމުންދާ އިރު މަސައްކަތަށް ނުކުމެ އުޅުއްވުމަކީ ޝަރުއީ ދާއިރާގެ އިތުބާރު ގެއްލިދާނެ ޒާތުގެ މައްސަލައަކަށް ވާތީ ކަމަށް ޖޭއެސްސީން ބުންޏެވެ. ހައިލަމް ސަސްޕެންޑްކުރީ ޖޭއެސްސީގެ ގާނޫނުގައި ބުނާ 60 ދުވަހަށް ވުރެ ގިނަ ދުވަސް ނުވާނެ ގޮތަށެވެ.