ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް އިއްވުމަށް މިއަދު ބާއްވަން ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފައިވާކަން އެމަނިކުފާނުގެ ވަކީލު އާދަމް އާސިފް ވިދާޅުވެއްޖެއެވެ.

އާސިފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ކެންސަލް ކުރެއްވިކަން ކްރިމިނަލް ކޯޓުން އޭނާއަށް އަންގާފައި ނުވާ ކަމަށާއި ގަޑިއަށް ކޯޓަށް ހާޒިރުވާނެ ކަމަށެވެ.

މިއަދު މެންދުރު 13:00 ގައި ބޭއްވުމަށް ހަމަޖެއްސި މި އަޑުއެހުން ކެންސަލްކުރީ، މި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ކުއްލި ގޮތަކަށް މިއަދު ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމާ ގުޅިގެންނެވެ.

ގާޒީ ހައިލަމްއާ ގުޅޭގޮތުން ޖޭއެސްސީން މައްސަލައެއް ބަލަން ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

ޖޭއެސްސީން ބުނީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލާގައި ކަންތައްތައް ހިނގާދިޔަ ގޮތް ރޭ ނެރުއްވި ނޫސްބަޔާނުގައި ވަރަށް ތަފްސީލުކޮށް ބުނެފައިވާނެ ކަމާއި އަދި އެއީ މައްސަލައާ ގުޅޭ ގޮތުން ކޮމިޝަނަށް ވެސް ދޭން ބޭނުންވާ މައުލޫމާތު ކަމަށް ވިދާޅުވެ ކޮމިޝަނަށް މިއަދު ހާޒިރުވާން އުޒުރުވެރިވާކަން ހާމަކޮށް ގާޒީ ހައިލަމް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

ނަމަވެސް ކޮމިޝަނަށް ހާޒިރުނުވުމަށް ގާޒީ ހައިލަމް ދީފައިވާ އެ ސަބަބަކީ މަގުބޫލު ސަބަބެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ޖޭއެސްސީން ބުނެއެވެ. ހައިލަމް ސަސްޕެންޑްކުރީ ޖޭއެސްސީގެ ގާނޫނުގައި ބުނާ 60 ދުވަހަށް ވުރެ ގިނަ ދުވަސް ނުވާނެ ގޮތަށެވެ.