ތުރުކީވިލާތުން ގްރީސްގެ އެތެންސްއަށް ޔޮޓެއް ގެންދަން އުޅުމުގެ ތެރޭގައި ގެއްލުނު ނިއުޒީލަންޑްގެ ފަތުރުވެރިޔާ ދިރިހުއްޓާ ފެނިއްޖެއެވެ.

އުމުރުން 45 އަހަރުގެ ކުޝީލާ ސްޓީން ގެއްލުނުތާ ގާތްގަނޑަކަށް 37 ގަޑިއިރު ފަހުން އޭނާ ފެނިފައިވަނީ ގްރީސްގެ ކަނޑުގެ ސަރަހައްދުގައި ޑިންގީއެއްގައި ދަތުރުކުރަމުން ދަނިކޮށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކަނޑުމަތީގައި ސްޓީން ހޭދަ ކުރި ވަގުތުތަކުގައި ކައި އުޅުނީ އޭނާ އަތުގައި ހުރި ފެނުކެއްކި ފޮނިކާތަކެއްޗެވެ. އާދަޔާ ހިލާފަށް ފިނިވާން ފެށުމުން ހަށިގަނޑަށް ބޭނުންވާ ހޫނު ހޯދީ ގައިގައި ޕްލާސްޓިކް ކޮތަޅު އޮޅައިގެންނެވެ.

ސްޓީންއަކީ ޔޮޓް ފަދަތަކެތީގައި ދަތުރު ކުރުމުގެ ތަޖުރިބާ ހުރި މީހެކެވެ.

ކަނޑުވެ އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވުމުން، މީހުންގެ ސަމާލުކަން ހޯދުމަށްޓަކައި ސްޓީން ވަނީ އޭނާގެ ބޮލުގައި ރަތްކުލައިގެ ކޮތަޅެއް އަޅާފައެވެ. އަދި ލޯގަނޑަކުން އިރުގެ އަވި ރިފްލެކްޓް ކުރުން ފަދަ ކަންކަންވެސް އޭނާ ވަނީކޮށްފައެވެ.

އިނގިރޭސިވިލާތަށް ނިސްތަބްތާ ފިރިހެނަކާއެކު ތުރުކީވިލާތުން ގްރީސްއަށް ޔޮޓެއް ގެންދަން އުޅުމުގެ ތެރޭގައި ސްޓީން ގެއްލުނީ އެ ޔޮޓާ ވަކިން ޑިންގީއެއްގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ސްޓީން ފޭބިފަހުންނެވެ. ޑިންގީގައި ވަގުތުތަކެއް ހޭދަކުރުމަށްފަހު ޔޮޓަށް އަރަން މިސްރާބު ޖެހުމާއެކުހެން ސްޓީން ގެންގުޅުނު 2 ފަލިން އެއް ފަލިން ކަނޑަށް ޣަރަގުވެ، އޮޔާއެކު ޔޮޓާ ދުރަށް ޑިންގީގައި ސްޓީން ގެންދިޔައީއެވެ. ސްޓީން ގެއްލުނުކަން ކަމާ ބެހޭ ފަރާތްތަކަށް އެނގީ ޔޮޓުގައި ހުރި ފިރިހެން މީހާއެވެ.

ބެހިގެން ކަނޑުމަތީގައި ހޭދަވި ވަގުތުތަކުގައި ސްޓީންވަނީ އޭނާގެ މަންމައަށް ގުޅޭނެ ފޯނު ނަމްބަރަކާ އޭނާގެ މަންމަގެ ނަން ޑީންގީގައި ލިޔެފައެވެ. އޭނާ މިކަން ކުރީ ހާދިސާއިން ސަލާމަތް ނުވެވިދާނެ ކަމުގެ ބިރައްޓަކައެވެ.

ކަމާބެހޭ ފަރާތްތަކުން ސްޓީން ސަލާމަތް ކުރުމަށްފަހު އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ޑީހައިޑްރޭޝަން ފަދަ ކަންކަމަށް ފަރުވާ ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ދިވެހިންނަކީވެސް ކަނޑުމަތީގައި ގިނަ ވަގުތަކެއް ހޭދަކުރަންޖެހޭ ބަޔަކަށް ވާއިރު، ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމާ، ބެހިގެންދާ ވަގުތު އަނެކުންގެ ސަމާލުކަން ހޯދުމަށް ކުރެވިދާނެ މިފަދަ ހުނަރުތައް ދަސްކުރުން މުހިންމެވެ.