ސޫރިޔާގެ އިރުއުތުރު ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާ ކުރުދީ ހަނގުރާމަވެރިން ބަލި ކުރުމުގެ ނަމުގައި ތުރުކީވިލާތުގެ އެއްބާރުލުމާއެކު ހަރަކާތްތެރިވަމުންދާ އަސްކަރީ ބާރުތަކުން ހަނގުރާމައިގެ ޖަރީމާ ހިންގާ މަންޒަރު ފެންނަ މޯބައިލް ފޯނު ފުޓޭޖުތަކެއް ހާމަވެއްޖެއެވެ.

އދއިންވަނީ ތުރުކީވިލާތާ ތުރުކީވިލާތަށް އެއްބާރުލުން ދޭ ފަރާތްތަކުގެ އެހީ ލިބިގެން ސޫރިޔާގައި ހަރަކާތްތެރިވަމުންދާ އަސްކަރީ ބާރުތަކުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކުގެ ޒިންމާ، ތުރުކީވިލާތުން އުފުލަންޖެހިދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. މި ދަނޑިވަޅުގައި ތުރުކީވިލާތުން މިކަން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުނެފައެވެ.

ސުންނާފަތިވެފައިވާ ސޫރިޔާގެ އިދްލީބް ޕްރޮވިންސްގައި އާއިލާއެއް ހިނގާލާފައި ދަނީ/ފޮޓޯ: ރޮއިޓާޒް

ވީޑިއޯއިން ފެންނަ މަންޒަރުތަކުގައި ލެއިން ފޯވެފައިވާ އަންހެނެއްގެ ގައިގައި ކޮޅުފައިން ތަޅާ، އޭނާއަކީ "ހަށިވިއްކާ" މީހެއް ކަމަށް ބުނާ އަޑުތައްވެސް އިވެއެވެ. މިމަންޒަރުތައް ބެލި ބައެއް މީހުން ސިފަކުރި ގޮތުގައި ވީޑިއޯއިން ފެންނަ މަންޒަރުތަކާ، އައިސިސް ޖަމާއަތުން އާންމުކުރާ ލައިންސާނީ ޖަރީމާ ހިންގާ މަންޒަރުތަކާ މާބޮޑު ތަފާތެއް ނެތެވެ.

ތަފާތަކީ މި ވީޑިއޯގައި ލާއިންސާނީ އަނިޔާދީ، ހަނގުރާމައިގެ ޖަރީމާ ހިންގާތީ ފެންނަ މީހުންނަކީ އައިސިސްގެ ޓެރަރިސްޓުންނަށް ނުވާކަން ކަމަށާ، އެމީހުންނަކީ ނޭޓޯގެ މެމްބަރެއްގެ ގޮތުގައި އޮތް ތުރުކީވިލާތުގެ އެއްބާރުލުމާއެކު ސޫރިޔާގެ ގައުމީ އަސްކަރިއްޔާގެ ތަމްރީނު ލިބިފައިވާ ބަޔަކަށް ވާކަން ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެމެރިކާއިންވަނީ ތުރުކީވިލާތުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކަށް އެގައުމުން ޖަވާބުދާރީ ވުމަށް ތުރުކީވިލާތަށް ގޮވާލާފައެވެ.