މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ މައްސަލާގައި ހިންގާ ތަހުގީގުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ ބަޔާން ނަގައިފިއެވެ.

މިނިސްޓަރު ޒަހާ ވަނީ މިކަން 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދެއްވާފައެވެ. އެގޮތުން، ޒަހާ ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޭނާ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. އަދި ފުލުހުން ބޭނުންވާ މައުލޫމާތުތައް ފުލުހުންނާ ހިއްސާ ކުރައްވާފައިވާނެ ކަމަށް ޒަހާ ވިދާޅުވިއެވެެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މި ދަނޑިވަޅުގައި ހާޒިރު ކުރާ މީހުންގެ ނަންތައް ހަާމަ ކުރެވެން ނެތް ކަމަށާއި، ނަމަވެސް އެމްއެމްޕީއާރްސީ މައްސަލާގައި މި ދުވަސްކޮޅު އެކި ފަރާތްތަކާ ސުވާލުކޮށް މައުލޫމާތު ސާފުކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ޒަހާގެ ބަޔާން ފުލުހުން ނަގާފައި ވާއިރު، ކެބިނެޓުގެ 3 ވަޒީރަކަށް އެމްއެމްޕީއާރްސީ ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ކަމަށް ޕީޖީ އައިޝަތު ބިޝާމް ވަނީ ރައޔްިތުންގެ މަޖިލީހުގެ ސިއްރު ކޮމިޓީއަކަށް ހިއްސާ ކުރައްވާފައެވެ. އަދި ފަނޑިޔާރުންގެ ތެރެއިން 8 ބޭފުޅަކަށާއި ސަރުކާރުގައި ތިއްބެވި ވެރިންގެ ފެންވަރުގެ 7 ބޭފުޅަކަށް، އަދި ކުރީގެ މަޖިލިހުގެ 44 މެންބަރުންނާއި މިހާރުގެ މަޖިލިހުގެ 16 މެންބަރުންނަށް މި ހިޔާނާތުން މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.