ތައިލޭންޑްގެ ޒުވާން ފުޓުބޯޅަ ޓީމު ވައިލްޑް ބޯޒްގެ 12 ކުޅުންތެރިޔާ ކޯޗު 17 ދުވަސް ވަންދެން ތާށިވެފައި ތިބި ތޭމް ލުއާންގް ހޮހަޅަ، 15 މަސްދުވަހަށްފަހު ފަތުރުވެރިންނަށް ހުޅުވާލައިފިއެވެ.

ކުދިން ސަލާމަތްކުރުމަށް ހިންގި ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބު އޮޕަރޭޝަނަށްފަހު ފުރަތަމަ ފަހަރަށް ހޮހަޅަ އާންމުކޮށް ހުޅުވާލުމާއެކު 2000 އެއްހާ މީހުން އެ ސަރަހައްދަށް ޖަމާވި ކަމަށާ، ކޮންމެ މީހަކުވެސް ބޭނުންވީ އެންމެ ފުރަތަމަ އެ ހޮހަޅައަށް ވަންނަ މީހަކަށް ވުމަށް ކަމަށް ތައިލޭންޑްގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ތައިލޭންޑްގެ ތޭމް ލުއާންގް ހޮހަޅައިން ވައިލްޑް ބޯޒް ޓީމާ ކޯޗު ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން/ފޮޓޯ: ސީއެންއެން

މައުލޫމާތު ލިބޭ ގޮތުގައި އާންމުކޮށް ވަދެވޭނެހެން ހުޅުވާލާފައިވަނީ ތޭމް ލުއާންގް ހޮހަޅައިގެ ފުރަތަމަ ޗޭމްބަރު އެކަންޏެވެ. އަދި ފަހަރަކު ވަދެވެނީވެސް 20 މީހުންނަށް ކަމަށް މައުލޫމާތު ލިބެއެވެ. ފާއިތުވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މި ސަރަހައްދު ބަލާލުމަށް އެތައް މިލިއަން ބަޔަކު ތައިލޭންޑަށް ދަތުރުކުރިއެވެ. ނަމަވެސް މިއިން އެއްވެސް މީހަކަށް ހޮހަޅަ ތެރެއަށް ވަނުމުގެ ފުރުސަތު ދީފައެއް ނުވެއެވެ.