އެމެރިކާގެ އިންޑިއާނާގައި ހަރުފަ ގެންގުޅެމުންދިޔަ، އުމުރުން 36 އަހަރުގެ އަންހެން މީހާ، 2.4 މީޓަރު ދިގު ޕައިތަންއެއްގެ ޝިކާރައަކަށްވެ، މަރުވެއްޖެއެވެ.

މި އަންހެން މަރުވެފައި އޮތީވެސް އޭނާ ދިރިއުޅެމުންދިޔަ ގޭ ތެރޭގައެވެ.

އޭނާ މަރުވެފައި އޮތް ސަރަހައްދަށް އިތުރު މީހަކަށް ދެވުނު އިރުވެސް ހަރުފަ އޮތީ އޭނާގެ ކަރުގާ އޮޅާލާފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ޕޮލީސް ސާޖަންޓް ކިމް ރައިލީ ވިދާޅުވީ، އަންހެން މީހާއާއި ހިސާބަށް ފުރަތަމަ ދިޔަ މީހާ އޭނާގެ ކަރުން ހަރުފަ ނައްޓާލި ކަމަށާ، ނަމަވެސް އެ އަންހެން މީހާގެ ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ އޭނާ މަރުވެފައިވަނީ ހަރުފަ އޮޅި ހާސްވެގެން ކަމަށްވެސް ފުލުހުން ބުނެއެވެ. ނަމަވެސް، މިކަމުގައި ގޮތެއް ނިންމަން އެނގޭނީ އޮޓޮޕްސީއަށް ފަހުގައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ލޯރާ ހާސްޓްގެ ގޮތުގައި ފުލުހުން މުހާތަބު ކުރަމުން އަންނަ މި އަންހެން ދިރިއުޅުނު ގޭގައި 140 ހަރުފަ ގެންގުޅެމުންދިޔަ ކަމަށާ، އޭގެ ތެރެއިން 20 ހަރުފައަކީ އޭނާގެ އަމިއްލަ މިލްކިއްޔާތުގައި ހުރި ހަރުފަތެއް ކަމަށް ޚަބަރު ލިބެއެވެ. މި ގެއަށް ލޯރާ ޒިޔާރަތް ކުރަނީ ހަފުތާއަކު 2 ދުވަހު ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ލޯރާ ބަލަހައްޓަމުންދިޔަ ހަރުފަތަކަކީ ބައެއް ވަގުތުތަކުގައި މުޅި ގޭތެރެއަށް ދޫކޮށްލާފައި އޮންނަ އެއްޗިހިތަކެއްކަންވެސް ސާޖަންޓް ރައިލީ ވަނީ ފާހަގަކުރައްވާފައެވެ.

ރެކޯޑްތަކުން ދައްކާ ގޮތުގައި ލޯރާ ހަރުފަ ގެންގުޅެމުންދިޔަ ގޭގެ އޯނަރަކީ ބެންޓަން ކައުންޓީ ޝެރިފް ޑޮން މަންސަންގެ މިލްކިއްޔާތުގައި ހުރި ގެއެކެވެ. މަންސަން ދިރިއުޅެނީ ލޯރާ މަރުވެފައި އޮއްވާ ފެނުނު ގެއާއި ޖެހިގެން ހުންނަ ގޭގައެވެ. ލޯރާ މަރުވެފައި އޮއްވާ ފުރަތަމަ ފެނުނު މީހަކީވެސް މަންސަންއެވެ. 2001 ވަނަ ދިން އިންޓަވިއެއްގައި މަންސަންވަނީ އޭނާއަކީ ހަރުފައިގެ ވިޔަފާރި ކުރަމުން އަންނަ މީހެއް ކަމަށް ބުނެފައެވެ.