ދިވެހިރާއްޖޭގައި މިއޮތް ކުޑަކުޑަ އާބާދީގައި ދިރިއުޅޭ ދިވެހިންގެ ޖީބަށް ލެވޭ އެއްޗެއް އިތުރުނުވާ މައްސަލައަކީ ވަރަށް ގިނައިން މީހުން ދައްކާ ވާހަކައެކެވެ. އެކަން ބޮޑުވެގެން ކެމްޕޭންތަކުގައި ސިޔާސީ ފަރާތްތަކުން އެންމެ ގިނައިން ކިޔާ ވާހަކައަކީ، މީހާއަށް ތަރައްގީ ގެނެސްދޭ ވާހަކައެވެ. އެގޮތުން ބައެއް ސިޔާސީ ލީޑަރުން، ތަރައްޤީއަކީ ޖީބަށް ލެވޭ އެއްޗަކުން ވާކަމެކޭ ވިދާޅުވާ އިރު، އަނެއްބައި މީހުން ކިޔަނީ ތަރައްގީއަކީ ބޮޑު ހިލަ އާއި ކޮންކްރީޓުން ގެނެވޭ އެއްޗެއް ނޫން ކަމަށެވެ. ދެން ސުވާލަކީ ތަރައްގީއަކީ ކިހިނެއްވާ ކަމެއްތޯއެވެ؟

އެންމެ ކުޑަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކަށް ވަކި މުއްދަތެއް ވަންދެން އދ. ގެ އެޖެންސީތަކުން ތަރައްގީއަށް ބޭނުންވާ ކަންކަމަށް އެހީތެރިވެދެއެވެ. އޭގެ ދަށުން އެންމެ ބޮޑަށް ތަރައްގީވެފައިވާ ގައުމުތަށް މެދުވެރިކޮށްވެސް އެފަދަ އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ. އޭގެ ތެރޭގައި ދިރާސާކޮށް، އެދިރާސާގެ މައްޗަށް ބިނާކޮށް އެކަމަކަށް ވޯލްޑްބޭންކު މެދުވެރިކޮށް ފަންޑުވެސް ހޯދައިދެއެވެ. ދިވެހިރާއްޖެ ވަނީ އެރާސްތާ ކަޑައްތުކޮށް ނިންމާފައެވެ. އެގޮތުން ރާއްޖެއަށްވެސް އެފަދަ ހުރިހައި އެހީތެރިކަމެއް ވަނީ ދީފައެވެ. އެކަމަކު ރާއްޖެ އެންމެ ކުޑަކޮށް ތަރައްޤީވަމުން އަންނަ ލިސްޓުން އަރައިގަނެ، ޖީޑީޕީ މަތިވިއިރު ދިވެހިންގެ އަތްމަތި ތަނަވަސްނުވީ ކީއްވެގެންތޯ ސުވާލު ކުރަން ޖެހެއެވެ؟ އަދި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެން ނުދިޔައީ ކީއްވެގެންތޯވެސް ސުވާލު ކުރަން ޖެހެއެވެ؟

ދިވެހިރާއްޖޭގެ ބަޖެޓް އެކުލަވާލާއިރު ބަޖެޓުގައި ހިމެނެންޖެހޭ ހަރަދުތަށް އެކުލަވާލަނީ މަޖިލިހުގެ މެންބަރުންގެ ލޮބީތަކަށް ބިނާކޮށް މެންބަރުން އިސްކަންދޭ އުމްރާނީ ތަރައްގީގެ ކަންކަމަށެވެ. ނަމަވެސް އެކަން ކުރަން އެކުލަވާލާ ބަޖެޓަކީ އެފަދަކަމެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ބަޖެޓެއްތޯ އެކަށީގެންވާ ފެންވަރުގެ ދިރާސާ ކުރެވިފައި ނޯވެއެވެ. އޭގެ ސަބަބުން އުމްރާނީ ތަރައްގީއަށް ކުރެވޭ ހުރިހާ ކަމެއް އޮންނަނީ ވަގުތީ ކަންކަމަށް ބަދަލުވެ، ކޮންމެ 5 އަހަރަކުން އަލުން އެމަސައްކަތް ފަށަން ޖެހިފައެވެ. އަދި ކޮންމެ ސަރުކާރަކުންވެސް އަމާޒު ހިފަނީ "މިސަރުކާރުގެ 5 އަހަރު" ތެރޭގައި ނިންމުމަށެވެ. ދެން އޭގެ ފަހުން އަންނަ ބަޔަކު ދެން އަންނަ ކަންކަމަށް ވިސްނަންޖެހޭ އުސޫލްތަކަކަށެވެ. އަދި ގިނަފަހަރު ދެން އަންނަ މީހުން ބުނެއުޅޭނީ ތިމަންނާމެންނާ ގައުމު ހަވާލުވިއިރު، ހަވާލުވާން ޖެހުނީ ދަރަންޏާ އެކުގައޭ، އަދި ކަންކަން ވާރުތަވީ ވާހަކައާއި އިސްކަން ދޭން ޖެހެނީ ދަރަނި ދައްކަން ކަމަށެވެ. އެ ލަވައެއްގައި ތިއްބާ ދައުރު ނިމިދެއެވެ.

ރައްޔިތުންގެ ޖީބަށް ލެވޭ އެއްޗެއް އިތުރު ކުރާ އިރު ވިސްނާލަން ޖެހޭ ކަންތައްތަކެއް އެބަ ހުއްޓެވެ. އެގޮތުން ބަޖެޓުގައި ފައިސާ ހިމަނާއިރު، ޔޫއެންގެ އެޖެންސީތަކުން ހުށަހަޅައި، ހިންގާފައިވާ ކަންކަމަކީ ދެމެހެއްޓެނިވި ގޮތަކަށް ކުރަމުން ގެންދަންޖެހޭ ކަންކަމަށް ހަދަން ޖެހެއެވެ. އިންޑަސްޓްރީތަކަށް އަމާޒްކޮށްގެން މީހުން ބިނާކުރުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރި އުފެއްދުމާއި އަންހެނުން ބާރުވެރިކުރުވުމާއި އުފެއްދުންތެރިކަން އިތުރުކުރުން ފަދަ ކަން ކަމެމެވެ. ވިޔަފާރިއަށް ފަހި ގާނޫނުތަކާއި ގަވައިދުތަށް ހެދުމާއި، ދުނިޔޭގެ ވިޔަފާރިތަކަށް ދިވެހި ކުންފުނިތަށް ނެރެދިނުންވެސް ބަޖެޓު ކުރާ ކަންކަމުގެ ތެރޭގައި ހިމަނަން ޖެހެއެވެ.

އެހެންކަމުން ރައްޔިތު މީހާގެ ޖީބަށް ފައިސާ ވަންނާނީ އެގައުމަކަށް ލިބޭ އާމްދަނީން އެގައުމެއްގެ އަހުލުވެރިންނަށް އަމާޒްކޮށްގެން މަސައްކަތް ދަސްކޮށްދީ، މަސައްކަތުގައި ޝާމިލ ުކޮށްދީ، ޕްލޭނެއްގެ ދަށުން ރާވައި ހިންގައިގެންނެވެ. އަދި ގައުމަށް އުފަންވާ ކޮންމެ ފަރުދަކީ ކޮންމެވެސް އުފެއްދުންތެރި މީހަކަށް ހަދައި، އޭނާއަކީ ގައުމުގެ އިގްތިސާދުގެ އިންޖީނަށް ހަދައިގެންނެވެ. އެކަމަށް ސަރުކާރުގެ ކަމާބެހޭ ހުރިހައި މުއައްސަސާތަކުން އަމާޒް ހިފައި އަހުލުވެރިން މޮޅުކޮށް، ހުނަރުވެރި ބަޔަކަށް ހަދައި އިގްތިސާދުގެ ކަންކަމުގައި އެމީހުން ބައިވެރި ކޮށްގެންނެވެ.