ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް އިންކަމް ޓެކްސް ރާއްޖޭގައި ނެގުމަށް ސަރުކާރުން ނިންމާފައި ވަނީ ކޮން ކަމެއް ރާއްޖޭގައި ކުރުމަށްތޯ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ސުވާލު އުފައްދަވައިފިއެވެ.

ޖުމްހޫރީ ޕާޓީއަށް މެންބަރުންތަކެއް ސޮއި ކުރުމަށް މިރޭ އެޕާޓީގެ މައި އޮފީސް މ. ކުނޫޒުގައި ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އަހަރެއްގެ މައްޗަށް މިހާރުވެސް ދައުލަތަށް 45 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ދައްކަމުންދާ ކަމަށެވެ. އެ ފައިސާއަކީ އިމްޕޯޓު ޑިއުޓީތަކާއި ނުލާ ދައުލަތަށް ދައްކަމުން ގެންދާ ފައިސާ ކަމަށެވެ.

"އަޅުގަނޑުމެން ކުންފުނިން ލިބޭ އާމްދަނީން އަދި އެބަ ނަގާ ފަނަރަ ޕަސެންޓު ޓެކްސް ވެސް. ދެން ޑިވިޑެންޓުގެ ގޮތުގައި ލިބޭ އެއްޗަކުންވެސް ނަގާ ވާހަކަ ބައެއް މެންބަރުން އެބަ ވިދާޅުވޭ. ކީއްތޯއޭ ކުރަން މިއުޅެނީ. ކޮން ކަހަލަ މާހައުލެއް ގެންނަން ވެގެންބާއޭ އަޅުގަނޑުމެން ގައުމުގައި މި މަސައްކަތް ކުރަނީ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މުހުތާދުތައް ފުއްދައި ދިނުމަށް ވިޔަފާރިވެރިން އެތައް މަސައްކަތްތަކެއް ކުރާ ކަމަށެވެ.

ގާނޫނު އަސާސީގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހައްގުތައް ލިބިދީފައި ވަނީ އެއްވަރަކަށްކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ގައުމު އާރާސްތު ކުރުމުގައިވެސް އެންމެންގެ ބައިވެރިވުން ހަމަހަމަވާން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު އެކަނި މަސައްކަތް ކޮށްފައި އެންމެންނަށް ކާންދޭ އުސޫލު އޮވެއްޖިއްޔާ ދުވަހަކުވެސް އަޅުގަނޑުމެން ކުރިއެއް ނާރާނެ،" ގާސިމް ވިދާޅުވިއެވެ.

އިންކަމް ޓެކްސްގެ ބިލު މަޖިލީހަށް ހުށަހަޅާފައި ވާއިރު އެ ބިލަށް މަޖިލީހުގައި އަންނަނީ ބަހުސް ވެސް ކުރަމުންނެވެ. އެމްޑީޕީގެ ބައެއް މެންބަރުންގެ ތެރޭގައިވެސް އެ ބިލާ މެދު ހިޔާލު ތަފާތުވެފައި ވެއެވެ. އެއީ އެ ބިލުގައި ޓެކްސް ނަގާ ސީލިން އެއްގެ ގޮތުގައި 40 ހާސް އޮތުމުންނެވެ. ރައީސްގެ ރިޔާސީ ވައުދަކީ 60 ހާސް ރުފިޔާގެ އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސް ނެގުމެވެ.

ސަރުކާރުން ޓެކްސް ބިލް މަޖިލީހަށް ހުށަހެޅި އިރު އޭގައި އޮތީ ޕްރޮގްރެސިވް ޓެކްސް ނިޒާމެއް ބޭނުން ކުރުމަށެވެ. ޕްރޮގްރެސިވް ޓެކްސް ނިޒާމެއްގެ ދަށުން، ލިބޭ އާމްދަނީ ގިންތިތަކަކަށް (ބްރެކެޓުތަކަކަށް) ބަހާލެވި، މަތީ ބްރެކެޓުތަކުގައި ހިމެނޭ، އާމްދަނީ ގިނައިން ލިބޭ ފަރާތްތައް މަތީ ރޭޓެއްގައި ޓެކްސް ދައްކަން ޖެހޭނެއެވެ. މިގޮތުން، ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގައި، ޓެކްސްގެ ނިޒާމް ޕްރޮގްރެސިވް ކުރުމަށް ހަތަރު ބްރެކެޓާއި ޓެކްސް ރޭޓުތައް ވަނީ ބިލުގައި ހިމަނާފަ އެވެ. އެއީ:

  • މަހެއްގެ މައްޗަށް 40،000 ރުފިޔާ އިން ދަށުގެ އާމްދަނީއެއް ލިބޭ ފަރާތްތައް: ޓެކްސް ނުނަގާނެ
  • މަހެއްގެ މައްޗަށް ލިބޭ އާމްދަނީން 60،000-40،000 ރުފިޔާއާ ދެމެދު: 8 ޕަސެންޓް
  • މަހެއްގެ މައްޗަށް ލިބޭ އާމްދަނީން 100،000-60،000 ރުފިޔާއާ ދެމެދު: 10 ޕަސެންޓް
  • މަހެއްގެ މައްޗަށް ލިބޭ އާމްދަނީން 100،000 ރުފިޔާ އަށް ވުރެ އިތުރުވާ އަދަދު: 15 ޕަސެންޓް

އިންކަމް ޓެކުހުގެ ގޮތުގައި އަހަރެއްގެ މައްޗަށް 626 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފަ އެވެ.