އުރީދޫއިން މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން، މިސްޓާ ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމާއި އެގްޒެކެޓިވް ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި އައްޔަންކޮށްފި އެވެ.

ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް ވަނީ ޓެލެކޮމިއުނިކޭޝަން، ރީޓެއިލް، އަދި މެނުފެކްޗަރިންގް ފަދަ އިންޑަސްޓްރީތަކުގައި މަސައްކަތްކޮށް، ފައިނޭންސްގެ ދާއިރާއިން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައެވެ. އުރީދޫ މޯލްޑިވްސްއާ ގުޅުމުގެ ކުރިން އޭނާ ވަނީ އުރީދޫ ގްލޯބަލް ސާވިސަސްގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައިވެސް މަސައްކަތްކޮށްފައެވެ. ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް ވަނީ ބާލާ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއިން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ހާސިލުކޮށްފައެވެ. އަދި އޭނާއަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް އިންޑިއާގެ މެންބަރެކެވެ.

އުރީދޫއިން ބުނީ އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމާއި ބޯޑު ޑިރެކްޓަރުކަމުގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރުމާ ގުޅިގެން، ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް އަށް އެ ކުންފުނިން ވަރަށް ހޫނު މަރުހަބާއެއް ކިޔާ ކަމަށެވެ. އަދި ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމްގެ އެހީތެރިކަމާއި ލީޑަރޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސްއިން އިތުރު ކުރިއެރުމާއި ކާމިޔާބީތައް ހޯދާނެކަމުގެ އުންމީދުކުރާކަމަށް އެ ކުންފުނިން ބުނެއެވެ.