ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދި މަޝްހޫރު ޓީވީ ސީރީޒް "ގޭމް އޮފް ތްރޯންސް"ގެ ޕްރީކުއަލް ސީރީޒް ކެންސަލް ކުރި ޚަބަރު ފެންމަތިވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެޗްބީއޯއިން ޕްރީކުއަލް ކެންސަލްކުރި ކަން ކާސްޓުންނަށް މިހާރު ވަނީ އީމެއިލްގެ ޒަރިއްޔާއިން އަންގާފައެވެ. މި އީމެއިލް ފޮނުވީ ޕްރޮޑިއުސާ ޖޭން ގޯލްޑްމަން ކަމަށް ދަ ހޮލީވުޑް ރިޕޯޓާއާ ހަވާލާދީ އެކި މަސްދަރުތަކުން މައުލޫމާތު ދެއެވެ.

މި ރިޕޯޓްތަކާ ގުޅިގެން އެޗްބީއޯއިން އަދި ވަކި އެއްޗެއް ބުނެފައި ނުވާއިރު، "ގޭމް އޮފް ތްރޯންސް"ގެ ޕްރީކުއަލް ކެންސަލް ކުރީ ކޮން ސަބަބަކާ ހެދިކަން އަދި ސާފުވާގޮތެއް ނުވެއެވެ.

"ގޭމް އޮފް ތްރޯންސް"ގެ ޕްރީކުއަލުން އޮސްކާ ނޮމިނީ ނެއޯމީ ވޮޓްސް ފެނިގެންދާނެ ކަމަށް ކުރިން އޮތީ އަޑުތައް ފެތުރިފައެވެ. އަދި މި ސީރީޒްގެ ޕައިލެޓް އެޕިސޯޑްގެ މަންޒަރުތައް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ޝޫޓްކުރި ކަމަށްވެސް މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރުތައް ބުނެއެވެ.

ބައެއް ފަރާތްތަކުން ބުނަމުންދަނީ އެޗްބީއޯއަށް ޕައިލެޓް އެޕިސޯޑް ކަމު ނުދިޔައީ ކަމަށެވެ.

"ގޭމް އޮފް ތްރޯންސް"ގެ ޕްރީކުއަލްގެ މަސައްކަތުގައި އަސްލު ސީރީޒްގެ ލިޔުންތެރިޔާ ޖޯޖް އާރް އާރް މާޓިންވެސް ބައިވެރިވިއެވެ. "ގޭމް އޮފް ތްރޯންސް"ގެ ޕްރީކުއަލްގެ ވާހަކަ ބިނާކޮށްފައި އޮތީ އަސްލު ސީރީޒްގެ ހާދިސާތައް ފެށުމުގެ 5000 އަހަރު ކުރިއަށެވެ.

8 ސީޒަންއާއިއެކު މިއަހަރު ނިންމާލި "ގޭމް އޮފް ތްރޯންސް" އަކީ އެޗްބީއޯގެ އެންމެ ކާމިޔާބު އެއް މަސައްކަތެވެ. މި ސީރީޒްއަށް އެތައް ފަހަރެއްގެ މަތިން އެމީ އެވޯޑްސް ލިބިފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ވަނީ މިސީރީޒް ބަލާފައެވެ.