އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނަށް ގާނޫނުގައި އޮންނަ ހައްގު އަދަބު ލިބެންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޖޭޕީން މިރޭ އެޕާޓީގެ މައި ޖަގަހަ ކުނޫޒުގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނަކީ "ކޮންމެ ބައެއް" ކަމުގައިވީ ނަމަވެސް އެބައިމީހުންނަށް ހައްގު އަދަބު ލިބިދޭންޖެހޭ ކަމަށެވެ. ވަކި މީހަކަށް ވަކި ގޮތެއް އޮވެގެން ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެއްގޮތަކަށްވެސް ވަކި މީހަކަށް ވީމަ މިގައުމު ހަލާކުވެ ގޮސްގެނެއް ނުވާނެ" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

ދީނަށް ފުރައްސާރަކުރާ މީހުންނަށް އިތުރަށް ފާޑުވިދާޅުވަމުން ސަރުކާރު ކޯލިޝަން ޕާޓްނަރު، ގާސިމް ވިދާޅުވީ ދީނަށް ފުރައްސާރަކޮށް ކީރިރި ރަސޫލާ މުހައްމަދު (ސ.އ.ވ)އަށް ފުރައްސާރަ ކުރުމަކީ ބައެއް މީހުންގެ ނަޒަރުގައި އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އެފަދަ މީހުން ބަލައި ނުގަނެވޭނެ ކަމަށެވެ.

"ވަކި މީހެއްގެ ހައްގުގައި އެކަކު ވެސް ހަލާކުވެ ގޮސްގެން ނުވާނެ. އެއީ ކޮންމެ ބަޔަކު ކުރި ކަމެއް ނަމަވެސް އެކަމަށް ހައްގު އަދަބު ދޭން ޖެހޭނެ،" ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.

މީގެއިތުރުން ގާސިމްގެ ވާހަކައިގައި ވަނީ ހަރުކަށި ފިކުރުތަކާ ދެކޮޅަށްވެސް ވާހަކަ ދައްކަވާފައެވެ. ގާސިމް ވިދާޅުވީ ތުއްތު ދަރިފުޅު ދޫކޮށްލުމަށް ފަހު ސީރިއާ އަށް ގޮސް ކުރަމުންދާ ހަނގުރާމަ އަކީ ދީނީ ހަނގުރާމައެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ދީނަށްޓަކައި ކުރާ ޖިހާދެއް ކަމަށް ބުނެ ސީރިއާއަށް ހަނގުރާމައަށް ދިއުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ގާސިމް އިބްރާހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ކިތަންމެ ކުޑަ ޕާޓީއެއް ކަމަށްވީ ނަމަވެސް، އެޕާޓީން ހައްގު ބަސް ބުނާނެ ކަމަށެވެ. އެޕާޓީން އަބަދުވެސް ދައްކަމުން ގެންދާނީ ހައްގު ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ އެޕާޓީން ގާނޫނާއި ގަވާއިދުތަކުގެ ބޭރުން ވާހަކަ ނުދައްކާނެ ކަމަށެވެ.