ގައުމިއްޔަތުގެ އެންމެ މުހިއްމު ސިފައަކީ އަޑުއުފުލުމުގެ ފުރިހަމަ މިނިވަންކަން އޮތުން ކަމަށް ރައީސް އިބްރާހިމް މުހަމއްދު ސޯލިހް ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގައުމިއްޔަތެއްގެ އެންމެ މުހިންމު ސިފައަކީ، ދާހިލީ ގޮތުންނާއި ހާރިޖީ ގޮތުން، އަދި ސިޔާސީ ގޮތުންނާއި އިގްތިސޯދީ ގޮތުން ވެސް، އަމިއްލަ ހައިސިއްޔަތުން ބަސްބުނެ، އަޑު އުފުލުމުގެ ފުރިހަމަ މިނިވަންކަން ލިބިފައި އޮތުން ކަމަށެވެ. އަދި މި ގައުމުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، މާތް ނަބިއްޔާއަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކުމުގެ ފުރުސަތު މި ސަރުކާރުން ނުދޭނެކަމުގެ ޔަގީންކަން، އެމަނިކުފާނު އެރުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، އިސްލާމް ދީނުގެ ނަމުގައި ހަރުކަށިކަން އިސްކޮށް، ބިރުވެރިކަން އުފައްދައި، މީހުން މެރުމަށް ގޮވައި، ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްވެސް، މި ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށެވެ. އިސްލާމް ދީނާ ދިވެހި ގައުމިއްޔަތުގެ ދިފާއުގައި، ކުރަންޖެހުނު ކޮންމެ ކަމެއް، އަދި ދީނުގެ ނަމުގައި ހަރުކަށި އަމަލުތައް ހިންގުން ހުއްޓުވުމަށްޓަކައި، ކުރަންޖެހުނު ކޮންމެ ކަމެއް، މާތްﷲގެ ވާގިފުޅާއެކު، މި ސަރުކާރުން ކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގައުމީ ދުވަހުގެ ޖަލްސާގައި ވަނީ 21 ފަރާތަަކަށް ރައީސް ދެއްވާ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދީފައެވެ. އަދި ޝަރަފުވެރިކަމުގެ ގައުމީ އިނާމު މިއަހަރު ލިބުނު 5 ފަރާތަކަށް ރައީސް ސޯލިހް ވަނީ އިނާމު ދެއްވާފައެވެ.
މީގެ އިތުރުން މި ޖަލްސާގައި ނިޝާން އިއްޒަތުގެ ވެރިކަމުގެ ލަގަބު ހ. ހިކަރި، އަހުމަދު އާދަމް އަދި ހ. އާމުލީގެ އަބްދުﷲ ސޯދިގް (ސޯދުބެ) އަށް ވަނީ އަރުވާފައެވެ.
މިރޭގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނަބަލުން ފަޒްނާ އަހުމަދު ބައިވެރިވެ ވަޑައިގަތެވެ. މީގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި، ރައްޔިތުން މަޖިލީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ދައުލަތުގެ އެހެނިހެން ވަޒީރުން އަދި މަޖިލިސް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ވާހަކަ ރީތި ދީނުގެޙިމާޔަތުގަ އެއްޗެއް ބުންޏަސް ޖަލަށް.....