ސިވިލް ސާވިސްގެ އޮނިގަނޑުގެ ތެރެއަށް ޕަބްލިކް ވޯކްސްގައި މަސައްކަތް ކުރާ މުވައްޒަފުން ވެއްދުމަށް މަސައްކަތް ފަށައިފިއެވެ.
ޕްލޭނިންގް މިނިސްޓްރީން ބުނީ، ޕަބްލިކް ވޯކްސްގައި މަސައްކަތް ކުރަމުންދާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) މުވައްޒަފުންގެ ކޮންޓްރެކްޓް ހަމަވާކަން އެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށެވެ. އަދި ސިވިލް ސާވިސްގެ އޮނިގަނޑުގައި މިހާރު ހުރި ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު އެމްއާރްޑީސީގެ ހުރިހާ މުވައްޒަފުންނަށް އޮންނާނެ ކަމަށް ޕްލޭނިންގް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މިކަން އެ މުވައްޒަފުންނަށް އެންގުމަށް، ކައުންސިލްތަކަށާއި އެ މުވައްޒަފުން މަސައްކަތްކުރާ ސައިޓުތަކުގައި ވެސް ނޯޓިސް ހަރުކޮށް ދިނުމަށް އެ މިނިސްޓްރީން އެދިފައިވާނެ ކަމަށް ބުނެއެވެ. އަދި އެ މުވައްޒަފުންނަކީ ކުރީ ސަރުކާރުން އެމްއާރްޑީސީ އުވާލި އިރު ޕަބްލިކް ވޯކްސްއަށް ބަދަލު ކުރި މުވައްޒަފުން ކަމަށް ވެފައި އެކި ފަހަރުގެ މަތިން ކޮންޓްރެކްޓް އާ ކޮށްދީފައި ވާނެކަމަށްވެސް ޕްލޭނިންގް މިނިސްޓްރީން ބުނެއެވެ.
ކުރީގެ ސަރުކާރުން އުފެއްދި އެމްއާރްޑީސީ އަށް ގިނަ އަދަދެއްގެ މުވައްޒަފުން ނެގުމަށް ފަހު މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ ކުންފުނި ވަނީ އުވާލައިފައެވެ. އޭރު އެތަނުގައި މަސައްކަތް ކުރި 709 މުވައްޒަފުން އެއް އަހަރު ދުވަހުގެ ވަގުތީ ކޮންޓްރެކްޓެއްގެ ދަށުން ބަދަލުކުރީ ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސެކްޝަނަށެވެ.
ހައުސިން މިނިސްޓްރީިގެ މަސައްކަތް މި ސަރުކާރުން، ދެ މިނިސްޓްރީއަކަށް ބަހާލި އިރު އެ މުވައްޒަފުން ބަދަލުވީ ޕްލޭނިން މިނިސްޓްރީގެ ދަށަށެވެ. އޭރު އެ މީހުންނާ އެކު ކުރީގެ ސަރުކާރުން ހެދި އެއްބަސްވުން ހަމަވާން ކައިރިވެފައި އޮތުމުން ޕްލޭނިންގް މިނިސްޓްރީން އިތުރު 6 މަސް ދުވަހު އެމީހުން ވަޒީފާގައި ބޭތިއްބުމަށް ނިންމިއެވެ.
ޕަބްލިކް ވޯކްސް ސާވިސްގައި މަސައްކަތްކުރާ ފަރާތްތައް ސިވިލް ސާވިސްގެ އޮނިގަނޑަށް ފެއްތުމަށްޓަކައި، 28 މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވާ ކަމަށް ގދ. ތިނަދޫ ކައުންސިލުން ބުނާ އިރު އެރަށުގައި ޕަބްލިކް ވޯސްކްގައި މިވަގުތު މަސައްކަތް ކުރާ 65 މުވައްޒަފުން އެބަ ތިއްބެވެ. އެ މުވައްޒަފުންގެ ކޮންޓްރެކްޓްގެ މުދަތު ހަމަވަނީ މި މަހުގެ ނިޔަލަށް ކަމަށް ވާއިރު 28 މުވައްޒަފުން ނެގުމަށް ހަމަޖެއްސުމުން އެކަމާ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީގެއިތުރުން ޏ. ފުވައްމުލަކުގައި ވެސް ޕަބްލިކް ވާކްސްގެ މުވައްޒަފުންނަށް ވަޒީފާ ގެއްލޭތީ އެކަމުގެ ޝަކުވާތައް އަންނަނީ ކުރަމުންނެވެ. ސިވިލް ސާވިސްގެ އޮނިގަނޑަށް ފެއްތުމަށްފަހު ފަހު ވަޒީފާ ފުރުސަތު ދިނުމަށް ހުޅުވާލައި ކަމުގައި ވީ ނަމަވެސް އެ ރަށުގައި މި ވަގުތު ޕަބްލިކް ވޯކްސްގައި ވަޒީފާ އަދާ ކުރާ އެތައް ބަޔަަކަށް ވަޒީފާ ނުލިބޭނެ ކަމުގެ ބިރު އެބަ އޮތެވެ. ސަބަބަކީ އެތަނުގައި އުމުރުން ދުވަސްވީ ގިނަ ބަޔަކު މަސައްކަތް ކުރަމުން ދާތީއެވެ. އަދި މިވަގުތު އެ ރަށުގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަމުން ދާ ދަނޑިވަޅެއްގައި މިފަދައިން ޕަބްލިކް ވާކްސްގެ މުވައްޒަފުން ވަކިކޮށް އަލުން ވަޒީފާއަށް މީހުން ހޮވަން އުޅުމަކީ އެރަށުގެ މަގުހެދުމުގެ މަސައްކަތަށް ހީނަރު ކަމެއް އަންނާނެ ކަމެއް ކަމަށް ބައެއް ރައްޔިތުން ދެކެއެވެ.