އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓްގެ ތިރޫޗީރާޕައްލީ ޑިސްޓްރިކްޓްގެ މަގެއްގައި ހުރި ބޯހޯލްއެއްގެ ތެރެއަށް ވެއްޓި ތާށިވެފައިވާ އުމުރުން އެންމެ 2 އަހަރުގެ ތުއްތު ކުއްޖާ ސަލާމަތް ކުރުމަށް ހިންގާ އޮޕަރޭޝަންގެ އެންމެ ފަހު މަރުހަލާއާއި ހިސާބަށް އާދެވިއްޖެއެވެ.

ޓެމިލް ނާޑޫ ސްޓޭޓްގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އޯ ޕަންނީރުސެލްވަމް މިއަދު ހެނދުނު ވިދާޅުވީ، ބޯހޯލް ތެރެއަށް ވެއްޓި ތާށިވެފައިވާ ތުއްތު ކުއްޖާ ނެގުމުގެ އޮޕަރޭޝަންގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތްތާ ހިސާބަށް، މިއަދު މެންދުރުގެ ވަގުތެއްގައި ދެވޭނެ ކަމަށެވެ.

އުމުރުން 2 އަހަރުގެ ސުޖީތު ވިލްސަން ބޯހޯލް ތެރެއަށް ވެއްޓުނީ އޭނާގެ ގޭ ކައިރީގައި ކުޅެން އުޅެނިކޮށް، މިދިޔަ ހުކުރު ދުވަހުގެ އިރު އޮއްސެނިކޮށެވެ. އޭގެ ފަހުންވެސް އެވަޅުގަނޑުގެ މާ ފުނަށް އެކުއްޖާ ކައްސާލާފައިވާއިރު، އެނާ މިހާރު ތާށިވެފައިވަނީ ވަޅުގެ 100 ފޫޓު އަޑީގައި ކަމަށް މައުލޫމާތު ލިބެއެވެ.

ބޯހޯލް ތެރޭގައި ހުރެގެން ސުޖީތު ރޯ އަޑު އިވޭކަމަށް ބުނާ ވީޑިއޯއެއްވެސް ދާދިފަހުން ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ.

އިންޑިއާގެ ބޯހޯލްއަކަށް ވެއްޓި ތާށިވެފައިވާ އުމުރުން 2 އަހަރުގެ ކުއްޖާ ސަލާމަތް ކުރުމަށް ހިންގާ އޮޕަރޭޝަން/ފޮޓޯ: އޭއެންއައި

ޕަންނީރުސެލްވަމް ވިދާޅުވީ ކުއްޖާ ނެގުމުގެ މަސައްކަތް ލަސްވަނީ، އެސަރަހައްދުގެ ބިންގަނޑު އާދަޔާ ހިލަފަށް ހަރުވެފައި އޮތުމުން، ތޮރުފުމަށް ވަގުތުތަކެއް ހޭދަވާތީ ކަމަށެވެ. ކުއްޖާ ސަލާމަތްކުރުމަށް އޭނާ ހުރި ވަޅާ ދާދި ކައިރުން ތޮރުފައިގެން ކޮނުމުގެ މަސައްކަތް ކުރުމަށް ގެނައި މެޝިނެއްވެސް ހަލާކުވެ، އިތުރު އާލާތްތަކެއް ގެންނަން ވަނީ ޖެހިފައެވެ. މެޝިނު ހަލާކުވީވެސް އެސަރަހައްދުގައި ހުރި ގާގަނޑުތަކުގެ ހަރު ކަމުން ކަމަށް ޚަބަރު ލިބެއެވެ.

ޕަންނީރުސެލްވަމް ވިދާޅުވީ ޓެމިލް ނާޑޫގެ އެކި ހިސާބުތަކުގައި ބޭނުން ނުކުރާ މިފަދަ ގިނަ އަދަދެއްގެ ބޯހޯލްތައް ހުރިއިރު، އެ ހުރިހާ ވަޅެއް ބަންދުކޮށް، ބެއްދުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. ސުޖީތު ސަލާމަތް ކުރުމުގެ މަސައްކަތުގައި އިންޑިއާގެ ގައުމީ އިދާރާތަކާ ސްޓޭޓް އިދާރާތަކުން ދަނީ ބައިވެރިވަމުންނެވެ.