މަތިންދާ ބޯޓެއްގެ ފާހާނާގައި ފޮރުވިފައި އިންނާނެ ގޮތަށް ކެމެރާއެއް ހަރުކޮށް، ފާހާނާ ތެރޭގެ މަންޒަރުތައް ލައިވްސްޓްރީމްކޮށްފައިވާ ކަމަށް ބުނެ، ދެ ޕައިލެޓަކާ ދެކޮޅަށް ސައުތްވެސްޓް އެއާލައިންސްގެ ފްލައިޓް އެޓެންޑެންޓަކު ދައުވާ ހުށަހަޅައިފިއެވެ.
ރިނޭ ސްޓެއިނޭކާ ބުނި ގޮތުގައި ޕައިލެޓުން މިކަމެއް ކުރާކަން އެނގުނީ ޕިޓްސްބާގުން ފުރައިގެން ފީނިކްސްއަށް 2017 ވަނަ އަހަރު ކުރި ދައުތުރެއްގެ މަތީގައެވެ.
ހާދިސާ ހިނގި ގޮތް ބަޔާންކޮށް ރިނޭ ހުށަހެޅި ދައުވާގެ ބަޔާނުގައިވާ ގޮތުން، ކެޕްޓަން ޓެރީ ގްރާމް ފާހާނައަށް ގޮސްފައި އަންނަންދެން ކޯ ޕައިލެޓް ރާޔަން ރަސަލްއާއިއެކު ކޮކް ޕިޓުގައި މަޑުކުރުމަށް އެދުނު ކަމަށެވެ. އަދި ފާހާނާ ތެރޭގައި ހިނގާ ކަންތައްތައް ވަގުތުން ސްޓްރީމްވަމުން ދިޔަ އައިޕެޑެއް ފެނުނު ކަމަށްވެސް ރިނޭ ދައުވާކުރެއެވެ.
ބޯޓުގެ ކުރޫއާއި ފަސެންޖަރުންވެސް ބޭނުންކުރަން ހުރި ފާހާނާގައި އެފަދަ ކެމެރާއެއް ހަރުކޮށްފައި ވާކަމަށް ކުރާ ދައުވާއަށް ޕައިލެޓުން ދަނީ އިންކާރު ކުރަމުންނެވެ. އަދި ޖޯކެއް ޖަހަން އުޅުމުގެ ތެރެގައި ސަމާސާއެއް ވިހަވުން ފަދަ ކަމެއްގެ ގޮތުގައި ސައުތްވެސްޓް އެއާލައިންސްއިންވަނީ ސިފަކޮށްފައެވެ.
ކަންމިހެން އޮތްއިރު ރިނޭ ބުނާ ގޮތުގައި ފާހާނާގައި ކެމެރާއެއް ހުރި ވާހަކަ ސިއްރު ކޮށްފައި ބޭއްވުމަށް ރަސަލް އޭނާގެ ކިބައިން އެދުނު ކަމަށެވެ. އަދި އެއީ ސަލާމަތީ ގޮތުން އަޅާފައިވާ އެންމެ މަތީ ފަންތީގެ ފިޔަވަޅެއް ކަމަށް ރަސަލް އޭނާގެ ގާތުގައި ބުނިކަމަށްވެސް ރިނޭ ވަކާލާތު ކުރެއެވެ.
އެއާލައިންގައި އޭނާއާއި ހަވާލުވެގެން ހުރި ސުޕަވައިޒަރަށް މިކަން ރިޕޯޓްކުރުމުން، އޭނާވެސް ކަންކުރީ މިފަދަ ގޮތަކަށް ކަމަށާ، އެވާހަކަ ނުދެއްކުމަށް ރިނޭގެ ކިބައިން އެދިފައިވާކަމަށް އޭނާ ބުނެއެވެ.
މައްސަލަ ފެންމަތިވެގެން އުޅޭ ސައުތްވެސްޓް އެއާލައިންސްއިން ދިން ބަޔާނެއްގައި ބުނެފައިވަނީ، އެ އެއާލައިންގެ މަތިންދާ ބޯޓުތަކުގެ ފާހާނާގައި ކެމެރާ ހަރުކޮށްފައި ނުހުންނާނެ ކަމަށެވެ. އަދި ފަހުން ބެލި ބެލުމުންވެސް ފާހާނާގައ ކެމެރާއެއް ހަރުކޮށްފައިވާތީ ފެނިފައި ނުވާކަމަށްވެސް ސައުތްވެސްޓް އެއާލައިންސްއިން ދަނީ ބުނަމުންނެވެ.
ދެ ޕައިލެޓުންގެ ވަކީލު ވަނީ ކޮކްޕިޓް ތެރޭގައި އައިޕެޑެއް އޮތް ކަމަށް އިއުތިރާފުވެފައެވެ. ރިނޭ ވަނީ ކޮކްޕިޓް ތެރޭގައި އޮތް އައިޕެޑްގެ ފޮޓޯއެއް އޭނާގެ ފޯނުން ނަގާފައެވެ. ނަމަވެސް ރިނޭ ކުރާ އެހެން ހުރިހާ ދައުވާތަކަކަށް އޭނާ އިންކާރު ކުރެއެވެ.
މަތިންދާބޯޓުގެ ފާހާނާ ތެރޭގެ މަންޒަރުތައް ލައިވްސްޓްރީމް ކުރަމުންދާކަމަށް ބުނެ ރިނޭ ދައުވާ ކުރަމުންދަނީ އޭނާއަށް ލިބުނު ނަފްސާނީ ނުތަނަވަސްކަމުގެ ބަދަލެއްގެ ގޮތުގައި 50000 ޑޮލަރުގެ ބަދަލެއް ހޯދުމަށެވެ.