ދިވެހި ދައުލަތުގެ އެއްވެސް ފައިސާއެއްގައި ޖެހިވަޑައިގެންފައި ނޯންނާނެ ކަމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.
ހުސައިން ވަހީދު މިފަދައިން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި ކުރީގެ ފުލުހުންގެ އިސް ދެ ބޭފުޅުންގެ ތެރޭގައި އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ
މިގޮތަށް އަޑުތައް ފެތުރެން ފަށާފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުންގެ އިސް ދެ މަގާމެއްގައި ތިއްބެވި ދެ ބޭފުޅަކަށްވެސް ހިޔާނާތުގެ ފައިސާ ލިބުނުކަމުގެ ތުހުމަތު ކުރައްވާފައި ވަނިކޮށެވެ.
ހުސައިން ވަހީދުގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ދުވަހަކުވެސް މިހާތަނަށް "ހަށިވިއްކާފައި" ނުވާނެ ކަމަށެވެ. ލިޔަން ބޭނުންވާ މީހަމު ލިޔާނެ އެއްޗެއް ލިޔަންވީ ކަމަށާއި ލިޔުމާއި ބުނުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިދީފައިވާނެ ކަމަށެވެ. މިހާތަނަށް އުޅުނީ 'އިސް އުފުލައިގެން ކަމަށާއި ދެންވެސް އުޅޭނީ އިސް އުފުލައިގެން' ކަމަށް އޭނާ ވިދާޅުވިއެވެ. ހުސައިން ވަހީދު ވިދާޅުވީ އޭނާ ލައްވާ 'ސިޔާސީ ކުޅި ކުޅުއްވަން' ނޫޅުމަށާއި މާތްﷲ ގަންދީ ކުރެއްވި ހުވާގެ މަތީގައި އަބަދުވެސް ދެމި ހުންނަވާނެ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފުރަތަމަ ކޮމިޝަނާ އޮފް ޕޮލިސް އަކީ ހުސައިން ވަހީދެވެ. އޭނާއަކީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން ގެންދެވި ބޭފުޅެކެވެ. އަދި ހަމައެއާއެކުގައި ހަބީބަކީވެސް އަދީބާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން ގެންދެވި ބޭފުޅެކެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ރިޔާސީ ލޯންޗު ކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ހުސެން ވަހީދު ފުލުހުންގެ މުއައްސަސާގައި އަދާ ކުރައްވަމުން ގެންދެވި މަގާމުން ދުރު ކުރިއެވެ. އަދި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ދިނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ފުލުހުންގެ އޮފިސަރުންގެ މައްސަލަތައް ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް މިހާރު އެ މުއައްސަސާގެ ވަޒީފާގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ އިދާރީ ތަހުގީގެއް ކުރައްވަމުން ގެންދަވާ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކުރީގެ ސީޕީއަކާއި ކުރީގެ ޑީސީޕީއަކު ވަރަށް ގިނަ އަދަދަކަށް ތަފާތު އެކި ފަހަރު މަތިން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ހޯއްދަވާފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގުތައް ވެސް ފުލުހުން ކުރިއަށް ގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު މިވަގުތު ފުލުހުންގެ މުއައްސަސާގައި ތިބި އެކި ރޭންކުތަކުގެ މީހުން ހިމެނޭ ގޮތަށް ހިންގަވާނެ ކަމަށެވެ.
އެދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު ކުރިއަށް ގެންދާއިރު ސަލާމަތީ ބާރުތަކުގެ ހަތް އޮފިސަރަކަށް އެމްއެމްޕީއާރްސީގެ ފައިސާ ލިބިގެން ދިޔަކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަދަދު 3.4 ބިލިއަން ރުފިޔާއަށް އަރާ އިރު ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި، އާންމު ބައެއް ފަރުދުން ހިމެނޭ ގޮތުން 267 މީހަކަށް ވަނީ ލިބިފައެވެ.